މިދިޔަމަހު ޑެންގީއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އޭގެކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޑެންގީއާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ހާލަތުގައި އާންމު ސާފްތާހިރުކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު ވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުންވެސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން، ދަތުރުކުރުން އިތުރުވެފައިވާތީ، އާންމުގޮތެއްގައިވެސް ބަލިތައް ފެނުން މިދުވަސްވަރު އިތުރުވެއެވެ. މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށިގެން މިހާތަނަށް އައިއިރު ޑެންގީހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ނިމިދިޔަ ޖަނަވަރީ މަހު ޑެންގީގެ 647 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ ޑިސެންބަރުމަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 424 ކޭސްއެވެ. މިއީ މިދިޔަ އަހަރު މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. 2024 ވަނަ އަހަރު ޑިސެމްބަރ މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 69 ކޭސްއެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ރިޕޯޓް ކޮށްފައިވަނީ 103 ކޭސްއެވެ.
މިދުވަސްވަރު ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބަލީގެ އަލާމާތެއް ފާހަގަވާނަމަ ވަގުތުން ޞިއްޙީ އެހީތެރިކަން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢިލްތިމާސްކުރައްވައެވެ. އަދި ބަލި އިތުރުވަމުންދާ ދުވަސްވަރެއްގައި ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ނިމިދިޔަ ޖަނަވަރީމަހު އަރިދަފުސް ރޯގާގެ 34840 ރިޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ މަހު ރިޕޯޓްކޮށްފައިވަނީ 29461 ކޭހެވެ. ބޭރަށް ހިންގުމުގެ ކޭސްތައްވެސް ރިޕޯޓްކޮށްފައިވާ މިންވަރު އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 7792 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރު ޑިސެމްބަރމަހު ރިޕޯޓްކޮށްފައިވަނީ 3405 ކޭސް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވަނީ މި ބަލިތައް އިތުރުވަމުންދިއުމާއެކު އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ބަލީގެ އަލާމާތް ފެންނަ ނަމަ މީހުން އެއްވެ އުޅޭތަންތަނަށް ވީހާވެސް މަދު ދިއުމަށާއި ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.
މިދިޔަ ދެ މަހުގެ ތަފާސް ހިސާބުތައް އަޅާކިޔާއިރު ޖަނަވަރީމަހު އިންފުލެއެންޒާ ކޭސްތައް މަދު ކަމަށް ދައްކައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު މުޅި ޖުމްލަ 96 ކޭސް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވެއެވެ. ޑިސެންބަރު މަހު އިންފުލެއެންޒާ ޝައްކުވެގެން ކުރި ޓެސްޓުތަކުން 152 މީހުން ޕޮޒިޓިވް ކަމަށް ދައްކައެވެ.
ޖަނަވަރީ މަހުގެ ތެރޭގައި ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވެއެވެ. މިމަސް ދިމާވީ ޗުއްޓީ ނިމޭ ދުވަސްވަރާއި އަދި އުމްރާއިން މީހުން އަންނަ ދުވަސްވަރާއެވެ. މިއީ އާންމުގޮތެއްގައިވެސް ބަލި ފެތުރޭ މިންވަރު އިތުރުވާ ދުވަސްކޮޅެކެވެ. މިފަދަ ދުވަސްވަރު ދަތުރުކުރައްވާއިރު ސަމާލުވުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށް ސިއްޚީ މާހިރުން އަދި ކަމާއި ގުޅޭ އިދާރާތަކުން ލަފާދެއެވެ.