ޚަބަރު

މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭ، އީރާނަށް އެމެރިކާގެ އައު އިންޒާރެއް


އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުމާއެކު، އީރާނަށް ޙަމަލާދޭންޖެހިދާނެކަމަށް ބުނެ އެމެރިކާއިން އިންޒާރުދީފިއެވެ.

ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މި ހަފްތާގައި ބޭއްވި މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ. އެކަމާ ގުޅިގެން، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވީ، ނިއުކްލިޔަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމަކީ އީރާނަށް އެންމެ "ބުއްދިވެރި" ގޮތް ކަމަށެވެ.

ލީވިޓް ނޫސްވެރިންނަށް ވިދާޅުވީ، މަޝްވަރާކުރި ބައެއް މުޙިއްމު ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި އަދިވެސް ބޮޑެތި ޚިލާފުތައް ހުރި ކަމަށެވެ. ނަމަވެސް، އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ.

އީރާނަށް ބިރު ދެއްކުމުގެ ގޮތުން، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އެމެރިކާއިން ވަނީ އީރާން ކައިރިއަށް ފޮނުވާފައެވެ.

އީރާނުން އެއްބަސްވުމަކަށް ދާން ދެކޮޅު ހަދާނަމަ، ފޯޅަވަހީގައި އޮންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒު ބޭނުންކޮށްގެން، އީރާނަށް ޙަމަލާދޭންޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ވެސް ވަނީ ދެއްވައިފައެވެ.

އެމެރިކާއިން ޙަމަލާ ދިނުން ހުއްޓުވަން އީރާނުގެ އަސްކަރިއްޔާއިން ވެސް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން، ރަޝިޔާ އާ ގުޅިގެން އޮމާނު ކަނޑުގައި ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

މީގެއިތުރުން، އީރާނުގެ އަސްކަރިއްޔާއިން ދަނީ ހުރްމުޒް ސްޓްރެއިޓްގައި ގައި އަސްކަރީ ތަމްރީން ޙަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އީރާނުން ވަނީ އެ ޤައުމާ ދެކޮޅަށް ޙަމަލާއެއް ދީފި ނަމަ ހުރްމުޒް ސްޓްރެއިޓް ބަންދުކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އީރާނުން އެ ގޮތަށް ޢަމަލުކޮށްފި ނަމަ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ދަތިވެ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން އުފުލިގެން ދާނެއެވެ.

އެމެރިކާއިން އީރާނަށް އަލުން ޙަމަލާތަކެއް ދީފި ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ވަނީ ވިދާޅުވެފައެވެ.

ލެވްރޮފް ވިދާޅުވީ، ޢަރަބި ޤައުމުތަކުން އެމެރިކާއަށް ދެމުންދާ މެސެޖަކީ، ކެތްތެރިކަން އިސްކުރުން ކަމުގައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމަކީ އެ ޤައުމުގެ ޤާނޫނީ ޙައްޤަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ސުލްޙަވެރި ބޭނުންތަކަށް ހިންގާ ޕުރޮގުރާމެއް ކަން ކަށަވަރު ކުރެވޭނެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް އިސްކަންދިނުމަށް ކަމުގައެވެ.