ޚަބަރު

ވެށިފަހިއާއި ހިޔާއިން ލިޔުން ލިބުނު މީހުން ފޯމު ހުށައަޅަން ލުއިތަކެއް


  • މި ދެ މަޝްރޫޢުއިން ހޮވުނު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ނުލިބޭ

  • މި ކެޓަގަރީއަށް 500 ފްލެޓް ހިމަނާފައިވޭ

ވެށިފަހި މަޝްރޫޢާއި ހިޔާ މަޝްރޫޢަށް ހޮވި ފްލެޓް ނުލިބުނު މީހުން، އެކަމާ ގުޅޭ ލިޔެކިޔުން ނެތްނަމަ ފުލެޓް ލިސްޓުގައި ހިމެނުނުކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢުއިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެއެވެ.

ހިޔާ މަޝްރޫޢަކީ، 2017ވަނަ އަހަރު އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. އަދި ވެށިފަހި މާލެ މަޝްރޫޢަކީ 2010ވަނަ އަހަރު، މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

ވެށިފަހި ސްކީމްގައިވެސް، އެ ސްކީމުން ބޯހިޔާހިކަން ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން 160އެއްހާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ބުނެ 2020ވަނަ އަހަރު ހުޅުވާލި ފުރުޞަތެއްގައި ޝަކުވާގެ ގޮތުގައި ހުށައަޅާފަވެއެވެ. އަދި ހިޔާގެ އެކި ކެޓަގަރީތަކުންވެސް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނި ގިނަ ބަޔަކަށް އެ ފުރުޞަތު ލިބިފައެއް ނުވެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގައި ފްލެޓަށް ހުޅުވާލިއިރު، ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުއިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތަކުގެ ކެޓަގަރީ ވަނީ ހިމަނާފައެވެ.

މި ކެޓަގަރީއިން 500 ފްލެޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ފަރާތްތަކުގެ ތެރެއިން، އޭރު ލިބިފައިވާ ލިޔުން ގެއްލިފައިވާ ފަރާތްތަކުންވެސް، ވުޒާރާއިން އޭރު ހާމަކޮށްފައިވާ ރަސްމީ ލިސްޓުގައި ނަން އޮތްކަން ފެންނަ ރަސްމީ ލިޔެކިޔުން ހުށައެޅުމުން، އެ ކެޓަގަރީއަށް ކަނޑައަޅާ ޝަރުތު ހަމަވާ ގޮތަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު މިވަނީ ކަނޑައަޅާފައެވެ. އަދި އެއްބަސްވުމުގައި ރަޖިސްޓްރީގެ ލިޔެކިޔުން ނެތް ނަމަވެސް، މިގޮތަށް ކުރިމަތިލެވޭނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަވަނީ 14 އޭޕްރިލުގެ ނިޔަލަށެވެ.