ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި އޮލިމްޕިއާކޯސް ބަލިކޮށް، ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން ގަދަ 16 ގެ އުއްމީދު ބޮޑުކޮށްފިއެވެ.
އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބަޔާ ލެވަކޫސަން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ލެވަކޫސަން އިން ޖެހީ ދެވަނަ ހާފުގައެވެ. އެހެންނަމަވެސް އޮލިމްޕިއާކޯސް އިން ވަނީ ފުރަތަމަ ހާފުގައި ލެވަކޫސަންގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
އެހެންނަމަވެސް އައްޔޫބް އަލް ކާބީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން، އޮފްސައިޑު މަގާމެއްގައި ހުރި މެހްދީ ޓަރޭމީގެ ގައިގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ މި ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލެވަކޫސަންގެ ފުރަތަމަ ލަނޑު، 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކްއެވެ. އަދި އޭގެ ތިން މިނެޓުފަހުން ލެވަކޫސަން އަށް ލީޑުފުޅާކޮށްދިނީ ވެސް ޝިކްއެވެ.
މި މޮޅާއެކު ލެވަކޫސަން އިން ގަދަ 16 ގެ އުއްމީދު ބޮޑުކުރިއިރު ޖާގަ ޔަގީންކުރުމަށް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.