ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ޕްލޭއޮފްގައި މޮނާކޯ އަތުން މޮޅުވި މެޗުގައި ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ މޮޅުވުމުގެ ރޫހާއި ހިތްވަރަށް ޓީމުގެ ކޯޗު ލުއިސް އެންރީކޭ ތައުރީފުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ، މޮނާކޯ ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށްގެންނެވެ.
މެޗު ފަށައިގެން 18 މިނެޓުގެ ތެރޭގައި މޮނާކޯއިން ވަނީ ދެލަނޑު ޖަހާފައެވެ.
އެހެންނަމަވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކޮށް، ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ޖަހައި ޕީއެސްޖީ ވަނީ މޮޅުވެފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން އެންރީކޭ ބުނީ، އާންމު ގޮތެއްގައި މެޗުގެ އެހާ ކުރީކޮޅު އިދިކޮޅު ޓީމުން ދެ ލަނޑު ޖެހުމުން މެޗުގައި ބަލިވެފައި އޮންނަ ޓީމެއްގެ ރޫހު ގެއްލި، އާޚިރު ނަތީޖާއަކަށް ވަނީ މެޗުން ބޮޑު ތަފާތަކުން ބަލިވުން ކަމަށެވެ.
އެ ދެ ލަނޑު ޖެހުމުގައި މޮނާކޯގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި، ޕީއެސްޖީން ކުރިއަށް ޖެހި ޕްރެސް ކޮށްގެން ކުޅުނު ގޭމު، ވަރަށް ރަނގަޅަށް މޮނާކޯއިން ދެނެގަނެ، ލިބުނު ދަނޑިވަޅުތަކުގައި ވަރަށް ރަނގަޅަށް ފުރުސަތުގެ ބޭނުން އެ ޓީމުން ހިފިކަމަށް ބުނެ އެންރީކޭ ވަނީ އެ ޓީމަށް ވެސް ތައުރީފުކޮށްފައެވެ.
އާންމު އުސޫލަކީ މިފަދަ ދަނޑިވަޅެއްގައި ބަލިވެފައި އޮންނަ ޓީމު ވަރަށް ބޮޑަށް ކޮންފިޑެންސް ގެއްލުން ނަމަވެސް އެ މަންޒަރު ޕީއެސްޖީން ނުފެނުނު ކަމަށާއި، ކުޅުންތެރިން ދެއްކީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ކަމަށް އޭނާ ބުންޏެވެ. އަދި އެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު ރޫހެއް ކަމަށާއި ތައުރީފު ހައްގު ކުޅުމެއްކަމަށް ބުނެ ޓީމުގެ ކުޅުންތެރިންނަށް މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މޮރީނިއޯ ވަނީ ޕީއެސްޖީގެ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޓީމު ބަލިވެފައި އޮތް ދަނޑިވަޅުގައި ވެސް ކުޅުންތެރިންނަށް ހިތްވަރުދިނުމުގައި ސަޕޯޓަރުން ދެއްކި ރޫހު، މޮރީނިއޯ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
މޮނާލޯ އަކީ ޕީއެސްޖީއަށް ވަަރަށް ވާދަވެރި، ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި، އެންމެފަހުން މޮނާކޯއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން ޕީއެސްޖީއަށް މޮޅުވެވިފައި ވަނީ އެންމެ ދެ މެޗުންކަން އޭނާ ފާހަގަކުރިއެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މޮނާކޯއާ ދެކޮޅަށް ކުޅެ ޕީއެސްޖީ 2-3 އިން މޮޅުވިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެރެއެވެ.