ޚަބަރު

އެފްއޭއެމް ވެޓެރަންސް ކަޕް: ފުރަތަމަ މެޗުގައި ނިއުއާއި ޑަ ގްރާންޑޭ


  • މުބާރާތް ފަށާނީ 20 ވަނަ ދުވަހުގެ ހަވީރު

  • ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވޭ

  • މެޗުތައް ކުޅޭނީ ފަސް ޓީމުގެ ދެ ގުރޫޕަކަށް ބަހާލައިގެން

ކޮންމެ ރަމަޟާން މަހަކު ވެސް ބާއްވަމުން އަންނަ އެފްއޭއެމް ވެޓެރަންސް ކަޕުގެ މި އަހަރުގެ މުބާރާތުގެ ގުރު ނަގައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހުންނަ އެފްއޭއެމްގެ އިދާރާގައި ބޭއްވި ގުރުއަތުނެގުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުންނާއި އެފްއޭއެމް ޓެކްނިކަލް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 10 ޓީމު ބައިވެރިވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ 10 ޓީމު، ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭ ގޮތަށެވެ.

މުބާރާތުގެ ގްރޫޕް 1 ގައި ހިމެނޭ ފަސް ޓީމް

  • ޑަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބު
  • މުއިވެޔޮ ފްރެންޑްސް ކްލަބް
  • ދިވެހި ސިފައިންގެ ކުލަބު
  • ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު
  • ވިލިމާލެ ޔުނައިޓެޑް

މުބާރާތުގެ ގްރޫޕް 2 ގައި ހިމެނޭ ފަސް ޓީމް

  • ޔުނައިޓެޑް ވިކްޓްރީ
  • ހުއްރިއްޔާ ސްޕޯޓްސް ކުލަބު
  • ހުޅުމާލެ ވެޓެރަންސް ކުލަބު
  • ބުރު ސްޕޯޓްސް ކުލަބު
  • ޕޮލިސް ކުލަބު

މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 20 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ.

މި މެޗުގައި ބައްދަލުކުރާނީ ޑަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެފްއޭއެމް އިން މަސައްކަތްކުރަމުންދަނީ ރަމަޟާން މަހުގެ ފަހު 10 ގެ ކުރިން މުބާރާތް ނިންމާލުމަށެވެ. އެ އަމާޒުގައި ކުރާ މަސައްކަތުގައި، ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ނިމުމުން، ވެޓެރަންސް ކަޕުގެ މެޗުތައް، ކޮންމެ ދުވަހަކު ދެ މެޗު ކުޅޭގޮތަށް މަސައްކަތްކުރަމުންދާކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

ގިނަބައެއްގެ ޝައުގުވެރިކަމާއި މަގުބޫލުކަން ލިބިފައިވާ ވެޓެރަންސް ކަޕު މިފަހަރު "ވެޓެރަންސް ކަޕް" ގެ ނަމުގައި ކުރިއަށް ގެންދަނީ 10 ޓީމު ބައިވެރިވާތީ، ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޖެހުމުންނެވެ.

މީގެކުރިން މި މުބާރާތް ކުރިއަށް ގެންދަނީ ވެޓެރަންސް ލީގުގެ ނަމުގައެވެ. އެންމެފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުޅުމާލެ ވެޓެރަންސް އިންނެވެ. އެންމެފަހުން ބޭއްވި 4 މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.