ކުޅިވަރު

އިމްރާންގެ ލޮލުގެ ފެނުން ގެއްލިއްޖެ! ފަރުވާ އަށް އެދުނީ ދުނިޔޭގެ ކެޕްޓަނުން


ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް އެކަށީގެންވާ ސިއްހީ ފަރުދާ ލަސްނުކޮށް ފޯރުކޮށްދިނުމަށް އެ ގައުމާއި ދުނިޔޭގެ ކްރިކެޓް ކެޕްޓަނުންގެ ކުލަބުން ގޮވާލައިފި އެވެ.

މި ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ 15 ކެޕްޓަނަކު ވަނީ މިކަމަށް ޕާކިސްތާން ސަރުކާރަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.

ނަމަވެސް ޕާކިސްތާން ސަރުކާރުން ބުނީ މި ޕެޓިޝަން މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ރާވަލްޕިންޑީގައި ހުންނަ ޖަލުގައި 2023 ވަނަ އަހަރުން ބަންދުކޮށްފައިވާ އިމްރާނުގެ ސިއްހީ ހާލަތަކާމެދު ކެޕްޓަނުން ކަންބޮޑުވުން ފާޅު ކުރީ އޭނާގެ ގާނޫނީ ވަކީލު މި މަހު ކުރީކޮޅު އާއްމު ކުރި ބަޔާނަކުންނެވެ. އިމްރާނާ ބައްދަލު ކުރުމަށްފަހު ޕާކިސްތާން ސަރުކާރަށް އޭނާ ހުށަހަޅާފައިވަނީ އިމްރާނުގެ އެއް ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށާއި ރަނގަޅު ސިއްހީ ފަރުވާ ލިބެމުން ނުދާ ކަމަށެވެ.

1992 ވަނަ އަހަރުގެ ވޯލްޑްކަޕް ޕާކިސްތާނަށް ކާމިޔާބު ކޮށްދިން ކެޕްޓަން އިމްރާން ހާނަކީ ފަހުން އެ ގައުމުގެ ސިޔާސީ ލީޑަރެއް ވެސްމެ އެވެ. އޭނާ ވަނީ 2018 އިން 2022 އަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. އޭނާ އާއި އަނބިކަނބަލުން ޖަލަށްލީ 2023 ވަނަ އަހަރު ހިޔާނާތުގެ ތުހުމަތުގަ އެވެ. ނަމަވެސް އިމްރާންގެ ޕާޓީ ތަހްރީކޭ އިންސާފް ޕާޓީން މިކަމަށް އިންކާރުކުރެ އެވެ.

އިމްރާންގެ މި ޕެޓިޝަން ލީޑްކުރި އޮސްޓްރޭލިޔާގެ ކެޕްޓަން ގްރެގް ޗަޕެލް އެވެ. އިތުރަށް ސޮއިކޮށްފައި ވަނީ އިނގިރޭސި ކެޕްޓަނުން ކަމަށްވާ މައިކަލް އާއި މިޝޭލް އަދި ނަސީރު ހުސައިން އާއި ޑޭވިޑް ގޮވާ އެވެ. އޮސްޓްރޭލިޔާއިން ސޮއިކޮށްފައިވަނީ އަލަން ބޯޑާ އާއި ބެލިންކާ ކްލާކް އާއި ސްޓިވް ވޯ އާއި ކިމް ހިއުސް އެވެ. ވެސްޓް އިންޑީޒް އިން ކްލައިވް ލޯޑް، އަދި ނިއުޒީލޭންޑްއިން ޖޯން ރައިޓް އާއި އިންޑިޔާއިން ސަޗިން ޓެންޑުލްކަރް އާއި ކަޕިލް ޑޭވް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކީ ވެސް އެ މީހުންގެ ދުވަސްވަރު މޮޅަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިންނެވެ.

ޕާކިސްތާނުގެ ކްރިކެޓް ކެޕްޓަނުން މި ޕެޓިޝަނުގައި ސޮއި ނުކުރި ނަމަވެސް އިމްރާނަށް ބޭސްފަރުވާ ހަމަޖައްސައިދިނުމަށް ވަނީ ގޮވާލައިފަ އެވެ.