ޚަބަރު

ބެންފީކާ އަތުން ރެއާލް އަށް ހަނި މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގައި ރޭ ބެންފީކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކޮށް ޕްލޭއޮފްގެ ޖާގައެއް ހޯދާފައިވާ ބެންފީކާގެ ދަނޑުގައި ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ކުޅުން ރެފްރީ ވަނީ 10 މިނިޓަށް މެދުކަނޑާލާފަ އެވެ.

ރެފްރީ މެޗުގެ ކުޅުން މެދުކަނޑާލާފައިވަނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނިޝިއަސް ޖޫނިއާ އަށް އަމާޒުކޮށް ނަސްލީގޮތުން ދިމާކޮށްފައިވާކަމަށް ބުނޭ އޭނާގެ އިތުރުން ރެއާލް މެޑްރިޑްގެ ކުޅުންތެރިން ކުޅުން ހުއްޓާލުމަށްފަހު ބެންޗު ކައިރިއަށް ދިއުމުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ކިލިއަން އެމްބާޕީ ދިން ޕާހަކުން ވިނިޝިއަސް ޖޫނިއަރ ޖަހާފައިވާ ހިތްގައިމު ލަނޑެކެވެ.

ބެންފީކާގެ ކޯޗު ޖޯސޭ މޮރީނިއޯގެ ފަރާތުން ރެފްރީގެ ނިންމުންތަކާއިމެދު ހިތަހަމަނުޖެހުންތަކެއް ފެނިގެންދިޔަ މި މެޗުގައި ރެފްރީ ވަނީ އޭނާއަށް ދެ ރީނދޫ ކާޑު ދައްކާފަ އެވެ. އެހެންކަމުން ދެވަނަ ލެގުގައި ސްޕެއިންގައި މި ދެ ޓީމު ކުޅޭ މެޗުގައި މޮރީނިއޯ އަށް ބެންޗުގައި ނުހުރެވޭނެ އެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.