އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި ރައްޔިތުންނަށް މަންފާވާ މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
ފ އަދި ދ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީ ބަނުމަށް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޚިދުމަތް ދެ އަތޮޅުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ސަފީރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ އެހީގައި ރާއްޖެއަށް 12 ހައި ސްޕީޑް ފެރީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، މިހާ އަވަހަށް މި މަސައްކަތް ނިމި، ޚިދުމަތަށް ގެނެވުމަކީ އުފާ ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
" ނޭބަހުޑް ފަސްޓް ޕޮލިސީއަކީ، ވަރަށް މުހިންމު ޕޮލިސީއެއް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އިންޑިއާގެ ބޮޑުވަޒީރުގެ މަސައްކަތްޕުޅު ބައްޓަން ކުރައްވާފަވަނީ، ދެ ޤައުމުގެ ގުޅުން ދަމަހައްޓާ ފައިދާވާ މަސައްކަތްތަކުގައި އެއްކޮށް މަސައްކަތް ކުރުމަށް. ރާއްޖޭގެ ކުރިއެރުމާ ތަރައްޤީއަށް އަބަދުވެސް އެހީތެރިކަން ދޭނެ." ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ، 4 ފިޔަވައްސަކަށް ބަހާލައިގެން ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ދިނުމަށް 455 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެތެރޭގައި ދަތުރުފަތުރުގެ ނިޒާމުގެ އެހީތެރިކަމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާއި އަދި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
މިއީ، ސީދާ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ކަމަށާއި، ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ކުރިއެރުމަށް ދެވޭ ކޮންމެ އެހީއަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީވެސް ދެ ޤައުމުގެ ގުޅުން ދައްކުވައިދޭ މުހިންމު ކަންތައްތައް ކަން ފާހަގަކުރެއްވިއެވެ.