ޚަބަރު

ބަނގުރަލުގެ ވިޔަފާރި ކުރި ދެ މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކުރީ ބަނގުލަދޭޝަށް ނިސްބަތްވާ ބައެއް

  • އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލަމް ފަރްހާދް، ބަންގްލަދޭޝް (35އ) އާއި އަބްދުއް ރަހްމާން، ބަންގްލަދޭޝް (35އ) އެވެ. މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ. މި ދެ މީހުން ވެސް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.