ކުޅިވަރު

ދަނބި ދަރިފުޅު ޓީމުން ބާކީ ކުރަން އަފްރީދީ ގޮވާލައިފި


ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ ޕާކިސްތާން ޓީމުން ތިން ކުޅުންތެރިއަކު ބާކީ ކުރަން އެ ގައުމުގެ ކުރީގެ ކުޅުންތެރިން ގޮވާލަން ފަށައިފި އެވެ.

މި ތިން ކުޅުންތެރިންނަކީ ކުރީގެ ކެޕްޓަން ބާބަރް އަޒަމް އާއި ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީ އާއި ސަދަބް ހާނެވެ. މި ތިން ކުޅުންތެރިންނަކީ މުބާރާތުގައި ޕާކިސްތާން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ރަނގަޅަށް ނުކުޅެވުނު ތިން ކުޅުންތެރިންނެވެ. ހާއްސަކޮށް އިންޑިޔާ އަތުން ޕާކިސްތާން ބަލިވި މެޗާއެކު މި ކުޅުންތެރިންގެ ކުޅުމާމެދު އެ ގައުމުގެ ތެރޭގައި ނުރުހުން ވެފައިވާއިރު ތަޖުރިބާރުން ވެސް ވަނީ މި ތިން ކުޅުންތެރިންގެ ކުޅުމަށް ފާޑު ކިޔައިފަ އެވެ.

ޕާކިސްތާނަށް ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ މާދަމާ ނެމީބިއާ ދެކޮޅަށް ކުޅޭ މެޗެވެ. ގަދަ އަށަކަށް ދިއުމަށް މި މެޗުން މޮޅުވާން ޖެހިފައިވާއިރު ކުރީގެ ކެޕްޓަން ޝާހިދް އަފްރީދީ ވަނީ އޭނާދެ ދަނބި ދަރިފުޅު ޝާހީން ޝާހް އަފްރީދީ ބެންޗަށް ބަދަލު ކުރަން ގޮވާލައިފަ އެވެ.

"އަހަރެންނަށް ނެމީބިއާ މެޗުގައި ޓީމު ނަގަން ފުރުސަތު ލިބިއްޖެނަމަ އަހަރެން ބާބަރް ބައިންދާނީ ބެންޗުގައި. ޝާހީން ބައިންދާނީ ބެންޗުގައި. އަދި ސަދަބް ވެސް ނުކުޅޭނެ. މި ކުޅުންތެރިންގެ ބަދަލުގައި ނަގާނީ ޒުވާން ތިން ކުޅުންތެރިން. އެ މީހުންނަށް ފުރުސަތު ދީ އެ މީހުންނަށް އިތުބާރު ހޯދައިދޭނީ. ސަބަބަކީ ސީނިއާ ކުޅުންތެރިންނަށް މުހިންމު މެޗުތަކުގައި ޕްރެޝަރުގައި ނުކުޅެވޭތީވެ،" ޝާހީން ބުންޏެވެ.

އޭނާ ވަނީ ޓީމުގައި ދުވަސްވީ ގިނަ ކުޅުންތެރިންގެ ފުށުން ވޯލްޑް ކަޕް ފެންވަރުގެ ކުޅުމެއް ނުފެންނަކަން ވެސް ފާހަގަ ކޮށްފަ އެވެ.

"އަހަރުމެންނަށް ގައުމީ ޖާޒީގައި ފެނިއްޖެ ވަރަށް ގިނަ ކުޅުންތެރިން ވަރަށް ގިނަ ދުވަހު. އަހަރުމެން އެ މީހުންގެ ފުށުން އުއްމީދު ކުރަން ބޮޑެތި މެޗުތަކުގައި މޮޅަށް ކުޅެން. އެކަމަކު އެ މީހުންނަށް އެކަމެއް ނުވޭ. އެހެންވީމާ ކީއްވެ ޒުވާނުންނަށް ޖާގަ ނުދޭންވީ،" 2009 ވަނަ އަހަރުގެ ޓުވެންޓީ20 ވޯލްޑް ކަޕް ޕާކިސްތާނަށް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ ބުންޏެވެ.

މުބާރާތުގައި ޕާކިސްތާން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮލުވީ އެމެރިކާ އާއި ނެދަލޭންޑްސް އަތުންނެވެ. އިންޑިޔާ އަތުންވީ ބައްޔެވެ. މީގެ އިތުރުން ނެދަލޭންޑްސް އަތުން މޮޅުވެވުނީ ވެސް ކިރިޔަކިރިޔާ އެވެ. ނަމަވެސް މާދަމާގެ މެޗަށް ވާރޭގެ އަސަރުކޮށްގެން ހުއްޓާލަން ވެއްޖެނަމަ ގަދަ އަށަކަށްދާނީ އިންޑިޔާއާއެކު ޕާކިސްތާނެވެ.