ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއަށް


  • މިމަސައްކަތް ނިމޭއިރު ވޯޑްތަކަށް ޖުމުލަ 28 އެނދު އިތުރުވާނެ

ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރައްވައިފިއެވެ. މިކަމުގެ ޢަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާގު ހަލީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.

މިމަސައްކަތް ނިމޭއިރު ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރެވޭނެއެވެ. މީގެތެރެއިން 4 އެނދު މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު، އެޗްޑީޔޫއަށް އިތުރުކުރެވޭއިރު ޖެނެރަލް ވޯޑަށް 15 އެނދު އަދި ކުޑަކުދިންގެ ވޯޑަށް 9 އެނދު އިތުރުކުރެވޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި މިހާރު ހުރީ 6 އެނދެވެ. މިމަސައްކަތް ނިމޭއިރު ކުޑަކުދިންގެ ވޯޑުގައި ޖުމްލަ 15 އެނދު އަދި ޖެނެރަލް ވޯޑުގައި 27 އެނދު ހުންނާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

އާރްޑީސީގެ އަމާޒަކީ މިމަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާލުމެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެނދުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.