އެމެރިކާއާއެކު އެއްބަސްވުމެއް އެކުލަވާލައި، ވީހާވެސް އަވަހަކަށް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށްޓަކައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ ބައެއް ކަންކަމަށް ދޫދޭން ވިސްނަން ތައްޔާރުކަމަށް، އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު މާޖިދު ތަޚްތު ރަވާންޖީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު އަލުން މަޝްވަރާތައް ފަށައިގެން ކުރިއަށްދާއިރު، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި، ނިއުކްލިޔަރ ޕްރޮގްރާމެއް ދޫތަކެއް ދޭން ތައްޔާރުކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް، ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ މި މަޝްވަރާތަކުގެ ޚިއްޞާއެއް ނޫން ކަމަށާއި، އެކަމުގައި ދޫނުދޭނެކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު މި މަހުގެ ކުރީކޮޅު އޮމާނުގައި ބޭއްވި މަޝްވަރާތަކަށްފަހު، އަންނަ އަންގާރަ ދުވަހު ޖެނީވާގައި މަޝްވަރާތަކުގެ އައު ބުރެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ރަވާންޖީ ވިދާޅުވިއެވެ. މަޝްވަރާތަކުގެ ފުރަތަމަ ބުރު ރަނގަޅަށް ދިޔަނަމަވެސް، ކުރިއެރުންތަކެއް ލިބޭނެކަމަށް ބުނަން އަދި މާ އަވަސްކަމަށް އޭނާ ވިދާޅުވިއެވެ. ޖެނީވާގައި އޮންނަ ބައްދަލުވުމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޖެރެޑް ކުޝްނަރ ވަޑައިގަންނަވާނެ ކަމަށާއި، މި ބައްދަލުވުމުގައި ވެސް މެދުވެރިއެއްގެ ދަޢުރު އަދާކުރަނީ އޮމާނުން ކަމަށް ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތައާބެހޭ އިސްވެރިޔާ ވަނީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި، މިހާރު މުއްސަނދިކޮށްފައިހުރި ޔުރޭނިއަމްގެ ބައެއް ނައްތާލަން ތައްޔަރުކަމުގެ އިޝާރާތެއް ދެއްވައިފައެވެ. ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުން އެކީގައި ހުއްޓައިލަން އީރާނުން އެއްބަސްނުވާނެކަމަށް ރަވާންޖީ ވިދާޅުވިއެވެ.
ޔުރޭނިއަމް މުއްސަނދިކޮށްގެން ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދަނީ މަދަނީ ބޭނުންތަކަށް ކަމަށް އީރާނުން ތަކުރާރުކޮށް ބުނިނަމަވެސް، އެކަން ޤަބޫލުކުރަން އެމެރިކާއިން ވަނީ ދެކޮޅު ހަދައިފައެވެ.