އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އޭނާގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
އޭނާ ކޮންޓްރެކްޓް އާ ކުރީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. މިއާއެކު އެ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ ޓީމުގައި ހުންނާނެ އެވެ.
ކޮންޓްރެކްޓް އައު ކުރުމަށްފަހު ޓުޗެލް ބުނީ އޭނާ ހުރީ މަގާމުގައި ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ.
"އަހަރެން މިތަނުގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. އެކަން އެންމެނަށް ވެސް އެނގޭނެ. މި ޓީމު ގޮވައިގެން ވާދަކޮށްލަން އަހަރެންނާއި އަހަރެންގެ ކޯޗިން ޓީމު މި އޮތީ ވަރަށް ބޮޑަށް ބޭނުންވެފައި. އަހަރުމެންނަށް ނަތީޖާ ނެރެވޭނެ،" ޓުޗެލް ބުންޏެވެ.
އޭނާ އަށް ހުސްވި އަހަރުން އިނގިރޭސި ކޯޗުގެ މަގާމު ދިނީ ދޮޅު އަހަރު ދުވަހަށެވެ. މިހެންވެ މި އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ ގައުމީ ޓީމުގައި ހުންނާނެކަން އޮތީ ސުވާލު މާކެއްގަ އެވެ. ސަބަބަކީ ވޯލްޑްކަޕުގެ ނަތީޖާ އަށް ބަލާފައި އިނގިރޭސި އެފްއޭއިން އޭނާގެ ކޮންޓްރެކްޓް އާ ނުކޮށްފާނެތީ އެވެ. ނަމަވެސް އައު ކޮންޓްރެކްޓެއް ދޭން ނިންމީ ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ ނެރުނު ރަނގަޅު ނަތީޖާ ތަކުގެ ސަބަބުންނެވެ.
ކުރިން ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ވެސް ކޯޗުކޮށްދިން ޓުޗެލް އަކީ
ސްޕޭނުގެ ރެއާލް މެޑްރިޑުން ގެންދަން ބޭނުންވާ ކޯޗެކެވެ. އެ ޓީމުން އައު ކޯޗަކު ހޯދަން މަސައްކަތް ކުރާއިރު އިނގިރޭސި އެފްއޭއިން މިއެޅި ފިޔަވަޅާއެކު ޓުޗެލް އަށް ރެއާލްގެ ދޮރު ބަންދުވާނެ އެވެ.