ޚަބަރު

ސްޓޮކް މަދުވުމާއި ގުޅިގެން 20 ރުފިޔާގެ ނޫޓު އަލުން ނެރެފި


  • މިމަހުގެ ކުރީކޮޅު ސްޓޮކް މަދުވުމުން 100 ރުފިޔާގެ އައު ނޫޓު ގެނެސްފައިވޭ

  • ރަން ދިހަފަހެއްގެ ނޫޓު ސީރީޒް ބޭނުންކުރަން ފެށީ 2016ގައި

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ، ފައިސާ ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާގުޅިގެން އަލުން ބާޒާރަށް ނެރެފިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މިމަހުގެ ކުރީކޮޅު އެމްއެމްއޭއިން ވަނީ ސްޓޮކް މަދުވުމުގެ ސަބަބުން 100 ރުފިޔާގެ އައު ނޫޓުތަކެއްވެސް ގެނެސްފައެވެ.

"ރަންދިހަ ފަހެއް" ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭކަން ފާހަގަކުރެވެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

މީގެ އިތުރުން، އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުންގަޑު، އަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާން ހުރެއެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ލޯފަން މީހުންނަށްވެސް އެނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ޚާއްސަ ބައިތަކެއްވެސް އެކުލެވޭކަން ފާހަގަކޮށްލެވެއެވެ.