ޚަބަރު

ދޯނީގައި ރޯވި ހާދިސާއާ ގުޅިގެން 5 މީހުން ފަރުވާއަށް މާލެއަށް


  • 15 މީހުން ދޯނިން ދަތުރުކުރި

  • ހާދިސާ ހިނގީ ދޫނިދޫ ކައިރީގައި

މަސްދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެ، ފަރުވާ ދެމުންދަނީ 2 ދިވެހިންނާއި 3 ބިދޭސީނަށްކަމަށެވެ.

މި މީހުން މާލެ ގެނައީ ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގެ އެހީގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، 15 މީހުންނާއެކު ކ.ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތުލިބޭ ގޮތުގައި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް އެއްކޮށް ނުނިވެއެވެ.
އެ ސަރަޙައްދުގައި އެމްއެންޑީއެފްއާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.