އެމާއި، ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ގއ. މާނަގަލާގައި ތަރައްޤީކުރާ މަލްޓި-ސްޕީޝީސް ހެޗަރީ ނުވަތަ މަސްއާލާ ކުރާ މަރުކަޒުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
މިއީ، ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޤްޞަދުގައި 2017 ވަނަ އަހަރު ވާރލްޑް ބޭންކުގެ އެހީގައި، ފެށި ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރާ ތަނެކެވެ.
ޑިޒައިން އެންޑް ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި ޓްރާންސްފަރ މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު، ދުބާއީގެ އެކުއާ ބްރިޖް ގްރޫޕާއި ޙަވާލުކޮށްފައިވަނީ 27 އޮކްޓޫބަރު 2022 ގައެވެ. މިތަން ހިންގުން އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއަހަރުގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ، ގއ. މާނާގަލާގައި މިހާރު ކުރިއަށްދާ މަލްޓި ސްޕީޝީޒް ހެޗަރީގެ މަސައްކަތްތައް ނިންމާ، މި އަހަރު އެ ތަނުގެ ޚިދުމަތްތައް ރަސްމީކޮށް ފެށޭނެ ކަމަށެވެ.
މަލްޓި-ސްޕީޝީސް ހެޗަރީގެ މަސައްކަތުގެ މައުލޫމާތު ޕީއެސްއެމްނިއުސްއާއި ޙިއްސާކުރައްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާނަގަލާގައި ތަރައްޤީކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ، އެތަނުގައި ތަރައްޤީ ކުރާ ނާސަރީތަކާއި، ލެބޯޓަރީތަކުގެ އިތުރުން ޤާއިމްކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން ކަމަށް ވިދާޅުވިއެވެ.
" އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި މިހާރު. ބައެއް ތަންތަނުގެ ތަނބުތައް ޖެހުމާއި ހިޔާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ" ވުޒާރާއިން ވިދާޅުވިއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަލްޓި-ސްޕީޝީސް ހެޗަރީގެ ފުރަތަމަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރާނެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ ތެރޭގައި ހިމެނޭ ނާސަރީތަކާއި، ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި، ލެބޯޓަރީތަކާއި، މޫދު ކޮށިތައް ޤާއިމުކުރާނެ ކަމަށްއެ ވުޒާރާއިން ވިދާޅުވެއެވެ.
މިހެޗަރީގައި މަސްވެރިންނަށް ބޭނުންވާ އެމުގެ ބާވަތްތަކާއި، ކުދި ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، 1 މިލިއަން ކުދި ކަސްފާނަ އަދި 6 ލައްކަ ހުއިފިލަނޑާ އާލާކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމުކުރުމަށް މިނިސްޓްރީން ކުރިޔަށްގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، މަލްޓި-ސްޕީޝީސް ހެޗަރީއެއް ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ފަހަރެވެ.
މެރިކަލްޗަރގެ ސިނާޢަތް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގައި ކުރާ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެއްގެ ގޮތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.