ޚަބަރު

ޤައުމުގެ ހަމަޖެހުމަށްޓަކައި ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭ: ޤާސިމް


  • ޤައުމު މިއަދު ހިފަހައްޓަނީ ރައީސްގެ ޤާބިލްކަމުން ކަމަށް ވިދާޅުވި

  • މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙަށް ތާޢީދު ކުރައްވާކަމަށް ވިދާޅުވި

ޤައުމު ސަލާމަތް ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އެއްބާރުލުން ދީގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ޤާސިމް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރަން ނިންމީ ރައްޔިތުންގެ ކުރިއެރުމާއި، ތަރައްޤީއާއި ހަމަޖެހުން ނަގާލަން ފުރުޞަތު ނުދިނުމަށްޓަކައި ކަމަށެވެ. އަދި ރަށަށާއި ޤައުމަށް ކުރިއެރުން އަންނާނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ޤާސިމް ވިދާޅުވީ، ޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން ކަމަށެވެ. ޚާއްޞަކޮށް، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙަށް ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށާއި، ބޭނުންހާ ވާހަކައެއް ދައްކައި ޤާނޫނާ ޚިލާފު ކަންކަން ކުރަން ރައީސް ޖާގަ ދެއްވައިގެން ނުވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ފުޑާލީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ދީނަށް ފުރައްސާރަ ކުރުމާއި ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން ރައީސް ޞާލިޙުގެ ސަރުކާރުން 126 ބިލިޔަން ރުފިޔާއިން ޤައުމު ދަރުވާލާފައިވާ ކަމަށާއި، ފެނަކަ އެކަނިވެސް 3 ބިލިޔަން ރުފިޔާގެ ބިލް ނުދައްކާ ހުރިކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، މިނިވަންކަން އޮންނަންވާނީ އިސްލާމްދީނުގެ ޚުދޫދުގެ ތެރޭގައި ކަމަށެވެ. އަދި އަބުރަށް އަރައިގަނެ ބޭނުންހާ އެއްޗެއް ކިޔަން ޖާގަ ނުލިބޭނެ ގޮތަށް ޤާނޫނު އަސާސީއަށް ބޮޑެތި އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ ތެރެއިން ސުޕްރީމް ކޯޓުގައި ތާށިވެފައިވާ މާއްދާތައް އިސްލާޙު ކުރުމަށްވެސް ޤާސިމް ވަނީ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

ނިންމާލައްވަމުން ޤާސިމް ވިދާޅުވީ، ޤައުމު އޮތް ދަރަނީގެ ހާލަތުން އަރައިގަނެވޭނީ ރައްޔިތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ. އެހެންކަމުން، ޤައުމުގެ މުސްތަޤުބަލަށްޓަކައި ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރައްވާފައެވެ.

މިޙަފްލާގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ތަޢާރަފް ކުރުމާއި ކެންޑިޑެސީ ލިޔުން ޙަވާލުކުރެއްވުން އޮތެވެ.