ޚަބަރު

ބަންގްލަދޭޝްގެ އިންތިޚާބުގައި ބީއެންޕީން ހޯދި ކާމިޔާބީއަށް ރައީސްގެ މަރުޙަބާ


  • ބޮޑުވަޒީރުކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ ބީއެންޕީގެ ޗެއަރމަން ޠާރިޤު ރަޙްމާން

  • ބަންގްލަދޭޝް އާންމު އިންތިޚާބު ބާއްވާފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހު

ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ހޯދި ކާމިޔާބީއަށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ، ބީއެންޕީ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އިދިކޮޅު ޖަމާޢަތު-އިސްލާމީން ވަނީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ 7
7 ގޮނޑި ހޯދާފައެވެ. މި ކާމިޔާބީއާ އެކު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ ދާދިފަހުން އަވަހާރަވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބީއެންޕީގެ ޗެއަރމަން ޠާރިޤު ރަޙްމާނެވެ.

ބީއެންޕީން ހޯދި ކާމިޔާބީއާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެންޕީއަށާއި އެޕާޓީގެ ޗެއަރމަން ތާރިޤުއް ރަޙްމާނަށް މަރުހަބާ ދަންނަވާފައެވެ.

އެމަނިކުފާނު ވަނީ ބީއެންޕީއަށް ލިބުނު ކާމިޔާބީއާއެކު ދިވެހިރާއްޖެއާއި ބަންގްލަދޭޝް ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ދުވަސްވީ ގުޅުން، އިތުރަށް ބަދަހިކޮށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން މިހާރަށްވުރެ ފުޅާދާއިރާތަކެއްގައި ބަދަހިކުރެވި ވަރުގަދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އިންތިޚާބަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު އެންމެ ވާދަވެރި އިންތިޚާބެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ބޮޑެތި ޕާޓީތަކުން ބައިވެރިނުވުމާއި ނުވަތަ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ 60 އިންސައްތައަށް އުފުލިފައެވެ.