ޚަބަރު

ޗެމްޕިއަން ސީއާރްސީގެ އަމާޒަކީ ގަވާއިދުން ފަރިތަކުުރުން


  • އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ 2 ފްރޭމް 1 ފްރޭމުން ބީއެމްއެލް ބަލިކޮށްގެން

  • ބޭރުން ގުޅުނު ކުޅުންތެރިންގެ އެހީތެރިކަން ވަރަށް ބޮޑު

13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ލިބުނުނަމަވެސް މުބާރާތުގައި އުނދަގޫތަކާއި ކުރިމަތިވި ކަމަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) އިން ބުނެފިއެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައިސީއާރްސީން ބުނީ އަންނަ އަހަރު ބާއްވާ މުބާރާތަށް ޗެމްޕިއަންކަން ދިފާއު ކުރުމަށް އެންމެ މުހިންމީ ގަވާއިދުން ފަރިތަކުރުން ކަމަށެވެ.

ފައިނަލް މެޗާއި މުޅި މުބާރާތުގައި އުނދަގޫ ހާލަތްތައް އައި ކަމަށާއި، ގަވާއިދުން ފަރިތަކުރުންތައް ބާއްވައިގެން އެކަން ތަރުކާރުވިޔަ ނުދޭން އަންނަ އަހަރު މަސައްކަތް ކުރާނެ ކަމަށްވެސް އެ ޓީމުން ބުންޏެވެ. އަދި ޗެމްޕިއަންކަން ހޯދުމުގައި ސީއާރްސީ ޓީމުގެ ކޯޗު އަހުމަދު ސޮފްވަތުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ޓީމުން ފާހަގަކުރިއެވެ.

ސީއާރްސީ މުބާރާތަށް ނިކުތްއިރުވެސް އަޒުމަކަށްވީ ޗެމްޕިއަންކަން ހޯދުން ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ކަމަށް އެ ޓީމުން ބުންޏެވެ. ބޭރުން ދެ ކުޅުންތެރިން ގެނެސް ޓީމު އެކުލަވާލި ސީއާރްސީން ވަނީ މުބާރާތުގައި ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ.

މުބާރާތް އިއުލާނުކުރި ހިސާބުން ފެށިގެން ހުރިހާ ކުޅުންތެރިންވެސް ޕްރެކްޓިސް ކުރިކަމަށާއި، ގާތްގަނޑަކަށް ދޮޅުމަސް ދުވަހު ޕްރެކްޓިސް ކުރެވުނު ކަމަށް އެޓީމުން ބުންޏެވެ. މާލެ ޕޫލް ބިލިއާޑް ހޯލުގައި ކުޅުން ކުރިޔަށް ގެންދިޔަ މި މުބާރާތް ކުރިޔަށްދިޔައީ ފެބުރުވަރީ 3-10 ގެ ނިޔަލަށެވެ.

‎މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ބީއެމްއެލް، ރައީސް އޮފީސް، އެމްއައިބީ، ސްޓެލްކޯ، އެމްއެންޑީއެފް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސީއާރްސީ، އެމްޕީއެލް، އެސްޓީއޯ، ދިރާގު އަދި ސްޓެލްކޯއެވެ.