ޚަބަރު

ބައިނަލްއަޤްވާމީ ދެ މުބާރާތެއްގައި ޤައުމީ ނެޓްބޯޅަ ޓީމުން މި އަހަރު ބައިވެރިވާނެ


  • ނެޓްބޯޅަ ޓީމުން ޖުލައި މަހު އޮންނަ "ސްރީލަޔަންސް ނެޓްބޯލް ޓޯނަމަންޓް" ގައި ވާދަކުރާނެ

  • އޮގަސްޓު މަހު، އަންހެނުންގެ 14 ވަނަ އޭޝިއަން ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެއިން ބައިވެރިވާނެ

މި ހިނގާ 2026 ވަނަ އަހަރު، ބައިނަލްއަޤްވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމުން ބައިވެރިވާން ތާވަލުކޮށްފިއެވެ.

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އާންމުކޮށްފައިވާ މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ރާއްޖެއިން އެންމެފުރަތަަމަ ވާދަކުރާނީ މި އަހަރުގެ ޖުލައި މަހު އޮންނަ "ސްރީލަޔަންސް ނެޓްބޯލް ޓޯނަމަންޓް" ގައެވެ. މިއީ އަވަށްޓެރި ސްރީލަންކާގައި ބާއްވާ މުބާރާތެކެވެ.

މީގެއިތުރުން، މި އަހަރުގެ އޮގަސްޓު މަހު، ހޮންގކޮންގައި އޮންނަ އަންހެނުންގެ 14 ވަނަ އޭޝިއަން ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެއިން ބައިވެރިވާނެއެވެ.

މި މުބާރާތް އޮންނާނީ އޮގަސްޓު ހަތްވަނަ ދުވަހުން، 16 ވަނަ ދުވަހާ ދެމެދުއެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގެ އިތުރުން ޤައުމީ ފެންވަރުގެ މުބާރާތްތަކާއި ލޯކަލް ބައެއް މުބާރާތްތައް ވެސް މި އަހަރަށް ނެޓްބޯޅަ އެސޯސިއޭޝަނުން ތާވަލުކޮށްފައިވެއެވެ.

އެގޮތުން އޭޕްރިލް މަހުގެ ތެރޭގައި ނެޓުބޯޅައިގެ ޤައުމީ ލީގާއި ޤައުމީ މުބާރާތްތައް އޮންނާނެއެވެ. ޤައުމީ ލީގު އޮންނާނީ އޭޕްރިލް ހަވަނަ ދުވަހާއި 15 ވަނަ ދުވަހާ ދެމެދުއެވެ. ފިރިހެނުންގެ ޤައުމީ މުބާރާތް އޮންނާނީ އޭޕްރިލް ހަވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ދެމެދުއެވެ.

ފުރަތަމަ ޑިވިޝަނުގެ ޤައުމީ މުބާރާތް އޮންނާނީ 19 އޭޕްރިލް އާއި 30 އޭޕްރިލްއާ ދެމެދުއެވެ. ދެވަނަ ޑިވިޝަން ވެސް ހަމަ އެ ދުވަހު ފަށާއިރު ނިމޭނީ 31 އޭޕްރިލްގައެވެ.

އެންއޭއެމް ޗެމްޕިއަންޝިޕް ބާއްވަން ތާވަލުކޮށްފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހާއި 31 ވަނަ ދުވަހާ ދެމެދުއެވެ.

މީގެއިތުރުން، އެންއޭއެމް އިން ވަނީ މި އަހަރަށް އެހެން ބައެއް ކުދިކުދި މުބާރާތްތައްވެސް ތާވަލުކޮށްފައެވެ.

އެގޮތުން ރަމަޟާން މަހަށް ޙާއްސަކޮށްގެން މި މަހު 21 އިން 29 އާ ދެމެދު ތުރީ އޮން ތުރީ ޗެލެންޖެއް ބާއްވާނެއެވެ. އަދި ޖޫން މަހު ޖޫނިއަރ ޗެމްޕިއަންޝިޕް ބާއްވާއިރު، ނޮވެމްބަރު މަހު، އިންޓަރ އޮފީސް/ކުންފުނި މުބާރާތް ބާއްވާނެއެވެ.

ރާއްޖޭގެ ނެޓްބޯޅައިގެ ފިރިހެން ޤައުމީ ޓީމުން ވަނީ މިފަހުން ބޭއްވި މެންސް އޭޝިއާ ކަޕް 2026 ގައި ވާދަކޮށް ލޯ މެޑަލް ޙާސިލްކޮށްފައެވެ.