މެންޗެސްޓާ ޔުނައިޓެޑް ރޭ ވެސްޓްހޭމްއާ ވާދަކޮށް 1-1އިން އެއްވަރު ވުމުން ޓީމުގެ ސަޕޯޓަރެއް ކަމުގައިވާ ފްރޭންކް އިލެކްޓް ބޯކޮށޭ ގޮތެއް ނުވި އެވެ.
އޭނާ ބޯ ނުކޮށައި 493 ދުވަސް ވަންދެން ބަހައްޓާފައި އެހުރީ ޗެލެންޖަކަށެވެ. އެއީ ޖެހިޖެހިގެން ޔުނައިޓެޑް ފަސް މެޗުން މޮޅުވުމުން ނޫނީ ބޯނުކޮޝަން ވެގެންނެވެ. އިލެޓާއި ޔުނައިޓެޑްގެ ސަޕޯޓަރުން އުއްމީދު ކޮށްގެންތިބީ ދިގުވަމުންގޮސް އޭނާގެ މޫނުމަތި ހިސާރުކޮށްފައިވާ ތަރުތީބެއްނެތް އިސްތަށިގަނޑު ކޮށާލަން ރޭ ވެސްޓްހޭމް އަތުން ޔުނައިޓެޑް މޮޅުވާނެ ކަމަށެވެ.
އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ހަތަރު މެޗުން ވެސް ވީ މޮޅެވެ. މި ސިލްސިލާ ފެށުނީ މދިޔަ މަހުގެ 17 ވަނަ ދުވަހު ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. އޭގެ ފަހުން ޓޭބަލުގެ އެއްވަނާގައިވާ އާސެނަލް އަތުން މޮޅުވެ، ފުލަމް އާއި ޓޮޓެންހަމް އަތުން މޮޅުވުމުން ރޭ ފަސް ވަނަ މެޗުން މޮޅުވާން ޔުނައިޓެޑް އަމާޒު ހިފުމުން އިލެކްޓް ވަނީ ސޯޝަލް މީޑިއާގައި މެޗުގެ ނަތީޖާ އާއި އޭނާގެ އިސްތަށިގަނޑާ ގުޅުވައިގެން ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގައިފަ އެވެ.
ޖުމުލަ 27000 މީހުން ވޯޓުވީ ވޯޓުގައި 90 އިންސައްތަ މީހުން ބުނީ ވެސްޓްހޭމް އަތުން މޮޅުވެ، އިލެޓްގެ އިސްތަށިގަނޑު ކޮށާލަން ވަގުތު ކައިރިވަނީ ކަމަށެވެ. އިލެޓް ސޯޝަލް މީޑިއާގައި 2.3 މިލިއަން މީހުން އޭނާ ފޮލޯ ކުރެ އެވެ.
އިނގިރޭސި ނޫސްތަކާ ވާހަކަ ދައްކަމުން އިލެޓް ބުނީ މިއީ މިހާ ދިގުވެގެންދާނެ އިންތިޒާރަކަށް ވެދާނެ ކަމަށް އޭނާ ކުރިން ހީ ވެސް ނުކުރާ ކަމަށާއި ގިނަ ބަޔަކު ބުނަމުންދަނީ މި އަހަރު ތެރޭގައި އިސްތަށިގަނޑު ކޮށާލެވިދާނެ ކަމަށެވެ.
އިލެޓް ބުނީ ވިދިވިދިގެން ކޮންމެ ފަސް މެޗަކުން މޮޅުވުމުން އިސްތަށިގަނޑު ކޮށާލުމުގެ ކެމްޕޭން އޭނާ ފެށީ އިނގިރޭސި އެފްއޭކަޕް އެންމެ ފަހުން ޔުނައިޓެޑް ކާމިޔާބު ކުރުމުން ކަމަށެވެ. ޔުނައިޓެޑް އެންމެ ފަހުން ވިދިވިދިގެން ފަސް މެޗުން މޮޅުވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
"އޭރު ހިޔެއް ނުކުރަން ޓީމުގެ ފޯމު ދަށްވެ، މި އިންތިޒާރު މިހާ ދިގު މުއްދަތަކަށް ކުރަން ޖެހިދާނެ ކަމެއް،" އިލެޓް ބުންޏެވެ.
ރޭ އޭނާގެ އުއްމީދު ހާސިލް ނުވި ނަމަވެސް ޔުނައިޓެޑް މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު ދާދި އަވަހަށް ބޯކޮށަން ޓްރިމަރު ނެގިދާނެ ކަމަށް ވެސް އިލެޓް އުއްމީދު ކުރެ އެވެ.
ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑަށް ލިބިފައިވަނީ 26 މެޗުން 45 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރު ވަނަ އެވެ. ވެސްޓްހޭމް އޮތީ 26 މެޗުން 24 ޕޮއިންޓާއެކު 18 ވަނާގަ އެވެ.