ޚަބަރު

ރިފްޢަތު އައްޔަންކުރައްވަން ނަން ފޮނުއްވުމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


  • ރިފްޢަތަކީ އީސީގައި ކުރީގެ ވަކީލުކަން ކުރެއްވި ބޭފުޅެއް

  • ބުރާސްފަތި ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އައްޔަނު ކުރެއްވުމަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲގެ ނަން މަޖިލީހަށް ފޮނުއްވާފައިވާތީ އޭނާއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މ. ވޭވަށް، ކިނާރާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާތީ އެފަރާތާ ގުޅޭގޮތުން އާންމުންގެ ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ، އަންނަ ބުރާސްފަތި ދުވަހުގެ 14:00އާ ހަމައަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާއެއް ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ޝަކުވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެދިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

މިމުއްދަތުގައި ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲގެ ނަންފުޅެވެ. ދެން ކުރިމަތިލެއްވި ބޭފުޅުން ހިމެނޭހެން، ނަން ދިރާސާ ކުރެއްވުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ރިފްޢަތު މިވަގުތު ހުންނެވީ، ޙައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.

އިލެކްޝަން ކޮމިޝަންގައި ތިއްބަވަނީ، 5 މެންބަރުންނެވެ. އެގޮތުން މިވަގުތު ކޮމިޝަންގައި ތިއްބެވީ ރައީސް މުޙައްމަދު ޒާހިދު، ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު، މެންބަރު މުޙައްމަދު ޒާހިރު، މެންބަރު ޙަސަން ޒަކަރިއްޔާ އަދި މެންބަރު ޢަބްދުލް ހަސީބު އިސްމާޢީލެވެ.