ބާސެލޯނާގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބު އަންނަ މާޗު މަހު ބާއްވަން އިއުލާނު ކުރުމާކު މިހާރުގެ ރައީސް ޖޯން ލަޕޯޓާ އިސްތިއއުފާ ދީފި އެވެ.
ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ޖެހޭ ކުލަބުގެ އިންތިހާބު ބާއްވާނީ މާޗު މަހުގެ 15 ވަނަ ދުވަހު ކަމަށް އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ. ކުލަބުގެ ގަވާއިދު 42 ވަނަ މާއްދާ ބުނާ ގޮތުން އައު އިންތިހާބުގެ ކުރިން މިހާރުގެ ރައީސް އިންތިހާބުގައި ވާދަކުރައްވާނަމަ 45 ދުވަސް ކުރިން އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ. ލަޕޯޓާ އިސްތިއުފާ ދިނުމުން ވަގުތީ ގޮތުން ރައީސްގެ މަގާމު ފުރުއްވާނީ ނައިބް ރައީސް ރަފާ ޔުސްޓޭ އެވެ. ލަޕޯޓާގެ އިތުރުން އިތުރު ނުވަ ބޯޑު މެމްބަރަކު ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ. ސަބަބަކީ އައު އިންތިހާބުގައި އެ ބޭފުޅުން އެކިއެކި މަގާމުތަކަށް ވާދަ ކުރައްވާތީ އެވެ.
ލަޕޯޓާ އަށް މި ފަހަރުގެ އިންތިހާބުގައި ވެސް އެންމެ ބޮޑު ވާދައެއް ކުރައްވާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް އޭނާއާ ވާދަ ކުރެއްވި ވިކްޓަރ ފޮންޓެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ވަނީ މީގެ ދެ މަސް ކުރިން އޭނާގެ ކެމްޕޭން ފަށްޓަވާފަ އެވެ.
ފޮންޓް ބޮޑަށް ބާރު އަޅުއްވަނީ އިންތިހާބުގައި ވާދަކުރައްވަން ވިސްނަވާ ގިނަ ކެނޑިޑޭޓުން އެކުވެގެން ލަޕޯޓާ ބަލިކުރައްވަން ނުކުންނެވުމަށެވެ. މިގޮތުން އޭނާގެ ކެމްޕޭނުގެ ޝިއާރަކީ ވެސް "އަހަރުމެން" އެވެ. ފޮންޓަށް ތާއީދު ކުރައްވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޒަވީ ހަނާންޑޭޒް އެވެ.
މި ފަހަރުގެ އިންތިހާބުގައި ލަޕޯޓާ އަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވާނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ކުލަބު ދޫކޮށްލަން ޖެހުނު މައްސަލަ އެވެ. އެންމެ ފަހުގެ އިންތިހާބު ލަޕޯޓާ ކާމިޔާބު ކުރީ މެސީ ކުލަބުގައި ބަހައްޓާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ނަމަވެސް އިންތިހާބުވުމަށްފަހު ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން ލަޕޯޓާ ވަނީ މެސީ ދޫކޮށްލައިފަ އެވެ. އެއީ ސްޕެނިޝް ލީގުން މެސީގެ ކޮންޓްރެކްޓް ރަޖިސްޓަރ ކޮށްނުދޭނެ ކަމަށް ބުނުމުންނެވެ. ނަމަވެސް މިއީ މިއަދާ ހަމައަށް ވެސް ލަޕޯޓާ އަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.