ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. މި ކަމާ މެދު ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރު ހާމަކުރަމުން ވައިޓް ހައުސްގެ އޮފިޝަލަކު ބުނީ، ހުޅަނގު އައްސޭރީގައި ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަކީ ސަރަޙައްދީ ސުލްޙައަށް މުހިންމު ކަމެއް ކަމުގައެވެ. ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމާ ދެކޮޅުކަން ޓްރަމްޕްގެ ފަރާތުން ހާމަކޮށްފައި މި ވަނީ، މުޅި ދުނިޔޭގެ ކަންބޮޑުވުން އެ ކަމަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.
ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ފޭރިގަތުމުގެ ފުރުޞަތު ޔަހޫދީންނަށް ފަހިކޮށްދޭ އައު ފިޔަވަޅުތަކެއް އިޢުލާނު ކޮށްފައި ވަނީ ޔަހޫދީ ސަރުކާރުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗާއި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒެވެ. އެ ފިޔަވަޅުތަކުގެ ބޭނުމަކީ ހުޅަނގު އައްސޭރީގެ ޚަލީލްގެ ބިންތަކުގެ މިލްކުވެރިކަން ފަލަސްޠީނުގެ ރައްޔިތުންގެ އަތުން ނަގައި، އެ ބިންތައް ފޭރިގަނެ، އެ ތަންތަނުގައި އިމާރާތް ކުރުމުގެ ހުއްދަ ޔަހޫދީންނަށް ދިނުމެވެ.
މި ކަމާ ދެކޮޅަށް އަޑުއުފުލައި މުސްލިމް އަށް ޤައުމަކުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، އިންޑޮނީޝިޔާ، އުރުދުން، ޕާކިސްތާން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ތުރުކީވިލާތް އަދި އެކުވެރި ޢަރަބި ޢިމާރާތް ހިމެނެއެވެ. ޔަހޫދީންގެ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނިންމުމެއް ކަމަށާއި، މިއީ ނުޤަވާޢިދުން ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގާ ޖަރީމާއެއްގެ ގޮތުގައި އެ ޤައުމުތަކުން ސިފަކުރިއެވެ.
އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޔަހޫދީންގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާާޅުވީ، ޔަހޫދީންގެ މި ފަދަ ނިންމުންތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތު ހަނިވެގެންދާނެ ކަމުގައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ން ވެސް ވަނީ ޔަހޫދީންގެ ނިންމުން ބަދަލު ކުރުމަށް ގޮވައިލާފައެވެ. ނަމަވެސް، ސްމުތުރީޗު ބުނީ، އައު ފިޔަވަޅުތަކުގެ މަޤުޞަދަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ޚިޔާލު ފޮހެލައި، ނައްތައިލުން ކަމުގައެވެ.