ޚަބަރު

އޭޝިއާ މީޑިއާ ސަމިޓުގެ މަޝްވަރާތައް ޕީއެސްއެމާއި އޭއައިބީޑީން ފަށައިފި


  • މިއަހަރުގެ ސަމިޓް އޮންނާނީ ރާއްޖޭގައި

  • މިއީ މިސަމިޓް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު

  • ސަމިޓްގެ އިންތިޒާމްތައް ކުރިއަށްގެންދަނީ ޕީއެސްއެމުން

21 ވަނަ އޭޝިއާ މީޑިއާ ސަމިޓަށް ތައްޔާރުވުމަށް އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ ވަފުދެއް ރާއްޖެއަށް ވަޑައިގެންފިއެވެ. މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓް އޮންނާނީ ރާއްޖޭގައެވެ. މި ސަމިޓް ބާއްވަނީ އޭއައިބީޑީއާއި ޕީއެސްއެމް ގުޅިގެންނެވެ.

21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އޭއައިބީޑީގެ ސީއީއޯ އަދި ސެކްރެޓޭރިއަޓް ޑިރެކްޓަރ، ފިލޮމީނާ އާއި އެ ޖަމްޢިއްޔާގެ ވަފުދެއް މިހާރު ދަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަމުންނެވެ. މި ދަތުރުގައި އެވަފުދުން ވަނީ ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބްއާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔާމީން ރަޝީދާއި އެކިއެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުރިއަށް އޮތް ސަމިޓްގެ އިންތިޒާމުތަކާއި ތައްޔާރީތައް ހުރި ގޮތާ ބެހޭގޮތުންނެވެ. އޭއައިބީޑީގެ ވަފުދުގެ 5 ދުވަހުގެ މި ދަތުރުގައި، އޭޝިއާ މީޑިއާ ސަމިޓް 2026 ރޭވުމާއި ހިންގުމުގައި ބައިވެރިވާ މުހިންމު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގައި މި ސަމިޓް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި މި ސަމިޓް ބާއްވާނެކަން އިޢުލާންކުރީ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓް 2025ގެ ތެރެއިން ކުރިއަށްދިޔަ "ހޭންޑް އޯވަރ ސެރެމަނީ"ގެ ތެރެއިންނެވެ.

އޭޝިއާ މީޑިއާ ސަމިޓް ބާއްވަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. މި ސަމިޓްގެ އެންމެ ބޮޑު އެއް ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާތަކާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، މީޑިއާ ދާއިރާގެ ކުރިއެރުމަށް ގެންނަށްޖެހޭ ބަދަލުތަކާމެދު މަޝްވަރާކޮށް ތަޖުރިބާއާއި ޚިޔާލު ބަދަލުކުރުމެވެ.