ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ބޮޑޫތަކުރުފާނު މަގުގެ ބާޒާރުމަތި ހިމެނޭ އެސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުން ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށްވަނީ ނިންމައި ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިމަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، މަގުގެ ދެވަނަ ފިޔަވަހީގެ ސަބް-ބޭސްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ.
Phase 2 of the Malé North Side Boduthakurufaanu Road Development Project has reached 87% completion. Sub-base works have been successfully completed and ABC laying is currently underway with 80% completion. The full completion of subbase works is expected by today, marking a… pic.twitter.com/IJOsAGZBtQ
— MTCC Plc (@MTCCPlc) February 9, 2026
އޭބީސީ ފަށަލައިގެ މަސައްކަތުގެވެސް ބޮޑުބައެއް ނިމިފައިވާކަމަށާއި އެމަސައްކަތްތައް ނިންމާ މިހަފްތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމަގުގައި ކުރިން މަސައްކަތް ކުރިއަށްގެންދިޔަ ސަރަހައްދުގައި 48 ގަޑިއިރުގެ ތެރޭގައި ވަނީ ތާރުއަޅާ ނިންމާލާފައެވެ. އެހެންކަމުން ބާޒާރުމަތި ހިމެނޭ ސަރަޙައްދުގެ މަސައްކަތްވެސް އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ނިމޭނެކަމާށް ލަފާކުރެވެއެވެ.
ބޮޑުތަކުރުފާނު މަގުގެ ބާޒާރު މަތީ ސަރަޙައްދުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމާ ހުޅުވާލަން މަސައްކަތްކުރަމުންދާއިރު، ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ. މިއާއެކު ރަމަޟާން މަހު އާންމުކޮށް ބާރު ބޮޑުވާ ބާޒާރު މަތީގެ ސަރަޙައްދަށް ބޮޑު ފަސޭހައެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެމަގު ފުޅާކުރުމަށް ވަނީ ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރުކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.