ދުނިޔޭގެ ހަލާލް ޓޫރިޒަމްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް "މުސްލިމް ޓްރެވަލް ޝޯ 2026"ގައި ރާއްޖެއިން ބައިވެރިވެ، ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން މި ޝޯގައި ބައިވެރިވެފައިވަނީ މިމަހުގެ 7 އިން 8 އަށް ލަންޑަންގެ އެކްސެލްގައި ބޭއްވުނު މި ޝޯގައެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި މައުރަޒުގައި ރާއްޖެއިން ވަނީ އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ފަތުރުވެރިންނަށާއި، ދާއިރާގެ މާހިރުންނަށް، އަދި އިންވެސްޓަރުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކަށް ރާއްޖޭގެ ފެންވަރު ރަނގަޅު ހަލާލް ފްރެންޑްލީ ފަތުރުވެރިކަމުގެ ޚިދުމަތްތައް ދައްކާލާފައިކަމަށެވެ. އަދި މި މައުރަޒުގައި ރާއްޖޭގެ ބައިވެރިވުން ކުރިއަށްގެންގޮސްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) ގެ ބެލުމުގެ ދަށުން، ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްޓޭންޑެއްގައެވެ. މިއީ ބައިނަލްއަޤްވާމީ ހަލާލް ޓޫރިޒަމްގެ ދާއިރާގައި ރާއްޖޭގެ މަޤާމު ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިސްތިރާޖީ މަސައްކަތެެއްކަމަށް ވިދާޅުވިއެވެ.
މުސްލިމް ޓްރެވަލް ޝޯ އަކީ ޔޫރަޕްގައި ބޭއްވޭ މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މައުރަޒެވެ. މިއީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މި ބަޔަށް އަމާޒުކޮށް، އެކި މަންޒިލްތަކާއި ފަތުރުވެރިކަމުގެ ބްރޭންޑްތައް ގުޅުވައިދޭ މަތީ ފަންތީގެ މަންސައެކެވެ. ދުނިޔޭގެ ބާޒާރުގައި 225 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަގުލަބިއްޔަތެއް އޮތް މި ދާއިރާގައި، 20،000 އަށްވުރެ ގިނަ ޒިޔާރަތްތެރިންނާއި 200 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި މި ހަރަކާތަކީ ދިވެހިރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ފުރުސަތެކެވެ. މީގެ ސަބަބުން އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، މެލޭޝިއާ އަދި ވިލާތުގެ މުސްލިމް ފަތުރުވެރިންގެ އުފެދެމުން އަންނަ މާކެޓުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދިޔަކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްއިން ވިދާޅުވީ މި ހަރަކާތުގައި ރާއްޖޭގެ ސްޓޯލް ފާހަގަކުރެވިގެންދިޔައީ ވިޔަފާރީގެ މުއާމަލާތްތަކާއި ރާއްޖެ އިޝްތިހާރުކުރުމުގެ މަރުކަޒެއްގެ ގޮތުގައިކަމަށެވެ. މިގޮތުން، ރާއްޖޭގެ މަތީ ފަންތީގެ މެހެމާންދާރީއާއި، އަމިއްލަވަންތަކަމާއި، ދުޅަހެޔޮކަމުގެ ޚިދުމަތްތަކުގެ އިތުރުން، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފަތުރުވެރިކަމުގެ އުންމީދުތަކާ އެކުލެވޭ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ލިބިފައިވާ ހާއްސަ ގާބިލުކަން މި ހަރަކާތުގައި ވަނީ ދައްކާލާފައެވެ. މި ހަރަކާތުގެ އެންމެ މަޤުބޫލު އެއް އައިޓަމެއްގެ ގޮތުގައި ވެގެން ދިޔައީ، ނަސީބުވެރި ތިންފަރާތެއް ހޮވުމާއި، ބައިވެރީންގެ މެދުގައި ގުރުއަތުލުން ނެގި ނަސީބުވެރިންނަށް އެ ހަވާލުކުރުމެވެ. މިތޮގުން، މިޝޯގެ ކޯ އެގްޒިބިޓާރސް ކަމަށްވާ ސަންސިޔާމު، މަންހަޓަން ބިސްނަސް ހޮޓެލް އަދި އޯޝަން ލިލީ އިންގެ ހެޔޮއެދުމާއި އެކު، ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮއްލުމުގެ ފުރުޞަތު ނަސީބުވެރި ތިންބައިވެރިންނަށް ހޯދައިދެއްވިއެވެ.
މި މައުރަޒުގައި ރާއްޖޭގެ ޕެވިލިއަންގައި ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ފާހަގަކޮށްލެވޭ ފަދަ ގޮތަކަށް ދައްކާލާފައިވެއެވެ. މިއީ އިސްލާމީ އުސޫލުތަކަށް އިސްކަންދޭ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތް ތައްޔާރީތަކާއި ދޭ އަހައްމިއްޔަތުކަން ހާމަކޮށްދިން ކަމެކެވެ. އެގޮތުން ސަން ސިޔާމް ރިސޯޓުން ވަނީ މުސްލިމުންނާ ގުޅޭ ޚާއްޞަ ވިލާތަކާއި، މުސްލިމް ފްރެންޑްލީ ރިސޯޓް ތަޖުރިބާތައް ވަނީ ދައްކާލާފައެވެ. އަދި މެންހަޓަން ގްރޭންޑް ހޮޓެލްއިން ވަނީ ހުޅުމާލޭގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ 5 ތަރީގެ ހޮޓާ އިޝްތިހާރުކޮށް، ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތައް ހާމަކޮށްދީފައިވެއެވެ. އޯޝަން ލިލީ އިން – އދ. ހަންޏާމީދޫއިން މީހުން ދިރިއުޅޭ ރަށްރަށުގައި ދެވޭ ފެންވަރު ބޫޓީކް ހޮސްޕިޓާލިޓީގެ ޚިދުމަތްތައް ދައްކާލާފައިވާއިރު މޯލްޑިވްސް އިސްލާމިކް ޓޫރިޒަމްއިން ވަނީ ހަލާލް ފަތުރުވެރިކަމުގެ ޚިދުމަތްތައް ކުރިއަރުވައި، މުސްލިމް ފަތުރުވެރިންނަށް އިތުބާރާއެކު ރާއްޖެ ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކޮށްފައެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި ހުރިހާ ބައިވެރިން ގުޅިގެން ދައްކުވައިދިނީ، ލަގްޒަރީ ރިސޯޓްތަކުން ފެށިގެން ރަށްރަށުގެ ފަތުރުވެރިކަމާ ހަމައަށް، ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށް ބޭނުންވާ ފުރިހަމަ 'ހަލާލް ފްރެންޑްލީ' މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތްކަމެވެ.
މި ހަރަކާތުގައި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ މަންޒިލް އިޝްތިހާރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖޭގެ ސަގާފީ ރީތިކަމާއި އަމިއްލަވަންތަކަން އިތުރަށް ހާމަވެގެން ދިޔައިރު، މިއީ ޤައުމީ ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ފުޅާވަމުންދާކަން ހާމަކޮށްދިން ކަމެކެވެ.