ޚަބަރު

އަންނަ އަހަރު ނިއުރޭޑިއަންޓު ވާދަކުރާނީ ތަށްޓަށް: މުޖުތަބާ


  • މި ސީޒަނުގައި ނިުރޭޑިއަންޓް ފުރަތަމަ ތައްޔާރުވީ 2 ވަނަ ޑިވިޝަނަށް

  • އައު ބަދަލުތަކާއެކު އަންނަ އަހަރު ނިއުރޭޑިއަންޓް ވާދަކުރާނީ ތައްޓަށް

ކުރިޔަށް އޮތް ސީޒަނަކީ ވަރަށް އުންމީދީ ސީޒަނެއް ކަމަށާއި، އަންނަ އަހަރު ތައްޓަށް ވާދަކުރާ ޓީމަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ވާނެ ކަމަށް އެ ކުލަބުގެ ސީނިއާ ވައިސް ޗެއާމަން މުޖުތަބާ ޖަލީލު (މުޖޭ) ވިދާޅުވެއްޖެއެވެ.

މި ފުޓުބޯޅަ ސީޒަން ފެށިއިރު ނިއުރޭޑިއަންޓް އޮތީ ކުޅޭނީ ކޮން ޑިވިޝަނެއްގައިކަން ވެސް ނޭންގިފައެވެ. އަދި ޓީމަށް ތައްޔާރުވާން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ކުލަބު ފުރަތަމަ ތައްޔާރުވެފައި އޮތީ 2 ވަނަ ޑިވިޝަނުގައި ކުޅޭ ޓީމެއް ގޮތަށް ކަމަށެވެ.

"ވަރަށް ހަނި ފުރުސަތަކާއި އެއްކޮށް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ލިބުނީ ތައްޔާރުވާން ސީޒަނަން. އެހެންވީމަ އެގަޑީގަ ދެން ތިބި ހުރިހާ ކުލަބުތަކުން ހުރީ ކުޅުންތެރިންނާ އެއްކޮށް ކޮންޓްރެކްޓް ހެދި ކުޅުންތެރިންނާއެކު ޕްރެކްޓިސް ކުރަން ފެށިފަ" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ނިއުރޭޑިއަންޓަށް ޖެހުނީ ވަރަށް މަސައްކަތުން ޓީމެއް އެކުލަވާލައިގެން ޓީމު ތެރެއިން އިތުރު ކުޅުންތެރިން އުފައްދައިގެން ޓީމެއް ހަމަކުރަން ކަމަށެވެ. ވަރަށް ބޮޑު އުނދަގޫތަކެއްގެ ތެރެއިން ޓީމެއް އުފައްދަން ޖެހުނަސް އެއީ އެ ކުލަބަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ. އެއީ ނިއުގެ ސީނިއާ ޓީމަށް ލިބުނު ހުރިހާ ކުޅުންތެރިންނަކީވެސް ފުޓުބޯޅައިގެ ތެރޭގައި އުޅޭ ކުޅުންތެރިންނަށް ވުން ކަމަށެވެ. އަދި އަތޮޅުތެރޭގައި ތިބި މޮޅު ކުޅުންތެރިންނާއިވެސް ވާހަކަ ދެކެވި އެކުޅުންތެރިންގެ ބޭނުން ހިފައިގެން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން އެ ކުލަބުގެ 3 ނަންބަރު ޖޯޒީގައި ރައިޓް ބެކަށް ކުޅޭ ރަޒާން (ރާއްކޮ) ފާހަގަކޮށްލެވޭނެ ކަމަށާއި އޭނާއަކީ ލ ގަމުން ގެނެސް މާލޭގެ މާހައުލަށް ތައްޔާރުކުރި ކުޅުންތެރިއެއް ކަމަށް މުޖުތަބާ ފާހަގަކުރިއެވެ.

މީގެ އިތުރުން މުޖުތަބާ ވިދާޅުވީ ދިވެހި ޕްރިމިއާ ލީގަށް ނިކުތްއިރު އެހެން ކުލަބުންތަކުން ވީވަރަށް ތައްޔާރުވާނެ ފުރުސަތު ލިބުނު ނަމަ ނިއުއަކީ ލީގު 2 ވަނައިގައި ނިންމާލެވޭނެ ޓީމެއް ކަމަށެވެ.

"އެއްމަސްތެރޭގައި އުފެއްދި ޓީމު ތިން ވަނައިގައި މި ނިންމުނީ. އިތުރަށް ވަގުތު ލިބުންނަމަ 2 ވަނައިގައި ނިންމާލެވޭނެ" މުޖުތަބާ ވިދާޅުވިއެވެ.

ނިއުގެ ފެންވަރު މަތިކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރައްވާ މުޖުތަބާ ވިދާޅުވީ ޓީމަށް ތަފާތުތަކެއް ގެނެވޭނެ ގޮތްތައް އެނަލައިޒްކޮށް ދެނެގަންނަން މެނޭޖްމެންޓާއި އެ ކުލަބުގެ އައު ޓެކްނިކަލް ޑައިރެކްޓަރާއި އެއްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އެ ކުލަބުން ވަނީ ޖެނުއަރީން ފެށިގެން ސްޕެއިންގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ އަންދްރޭސް ފްރާންސެސްކޯ މެނުއެލް ހަމަޖައްސާފައެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކުލަބުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ފަށާފައިވާއިރު އައު ސީޒަނަށް ނިކުންނައިރު، އޭ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެގެން ނުކުޅެވޭ ހާލަތެއް މެދުވެރިވިޔަސް ބީ ޓީމުން ކުޅުންތެރިއެއް ނުހޯދާ ދަނޑުމައްޗަށް ނެރެވޭނެ ޓީމެއް އެކުލަބުގައި އޮންނާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އަދި ޕްރެޒިޑެންޓްސް ކަޕްގައި އެކުލަބު ނިކުންނާނީ ކުރިން ހެދުނު ކުދި ކުދި ގޯސްތައް ފުރުސަތުތަކަކަށް ބަދަލުކުރެވޭނެ މަގު ދައްކައިދީގެން ކުޅުންތެރިން ތައްޔާރުކޮށްގެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.