ޚަބަރު

ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާ ޑީއެންއޭ ޓެސްޓިން


  • ޚިދުމަތް ދޭނީ މޯލްޑިވިއަން ބްލަޑް ސަރވިސެސްގެ ދަށުން

  • 27 ބާވަތެއްގެ ޓެސްޓު ހެދޭނެ

  • ރާއްޖޭގައި މި ޚިދުމަތް މިހާތަނަށް ދިނީ އަމިއްލަ އެންޖީއޯއަކުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ފަށާފަވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސަރވިސަސްގައެވެ. ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ. އެގޮތުން ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަކީ ރައީސްގެ މި ވަޢުދާ ގުޅިފައިވާ މުހިންމު ޚިދުމަތެކެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލެބޯރަޓަރީ ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ސިއްޙީ ވަޒީރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތެލަސީމިއާއާއި ގުޅޭ ޑީއެންއޭ ޓެސްޓިން ހެދެނީ އެންޖީއޯއަކުން ހިންގާ ކުޑަ ލެބޯޓްރީއެއްގައިކަމަށެވެ. މިއީ ސަރުކާރުގެ ދަށުން މި ޚިދުމަތް ޤާއިމުކުރާ ފުރަތަމަ ފަހަރެވެ. ވަޒީރު ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ލޭގެ ތަފާތު ތަޙުލީލުތައް ހެދި، ޚާއްސަކޮށް ތެލަސީމިއާގެ ފަރުވާ ރާއްޖޭގައި މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.

"ކުރިން ނެހެދޭ އެތައް ޓެސްޓެއް ހެދޭނެ. އޮޓަމޭޓެޑް މެޝިންގެ އެހީގައި ހެދޭ ޓެސްޓްތަކެއް މިއީ. ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހުނު މި ޚިދުމަތް ރާއްޖެއިން ލިބެން ފެށުމުން، ރާއްޖޭގައި ގައި ތިބެގެން އެކި ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯދުމުގެ މަގު ފަހިކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް މިއީ." ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައިވެސް ވަނި ތެލަސީމިއާގެ ފަރުވާ ރާއްޖޭގައި ކުރިއަށްގެންދިއުމަށް ދެއްވަމުންދާ އަޙައްމިއްޔަތުކަމަށާއި، މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއި އަދި ސަރުކާރުން މި ދާއިރާއިން ރާވާފަވާ ކަންކަމުގެ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ.

"ތެލަސީމިއާގެ ބާވަތްތައް ޞިއްޙީ މިންގަނޑުތަކަކުން ތަޙްލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީ.އެން.އޭ ތަޙްލީލުކުރާ ލެބޯރެޓަރީ ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން މިހާރު ވަނީ ތައްޔާރުވެފައި." ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ލޭގެ ފަރުވާ ހޯދާ މީހުންގެ މުހިންމު ތަހުލީލުތަކެއް ކުރެވޭނެކަމަށެވެ. އަދި ރާއްޖެއިން ފެންނަ ލޭގެ ބަލިތަކުގެ ބާވަތްތަކަށް ބަލައި މިކަމަށް ޚާއްސަ ކުރެއްވިފައިވާ ކިޓްތަކެއް ފަރުމާކޮށް، ދިވެހިންނަށް ޚާއްސަ މިންގަނޑުތަކަށް ރިއާޔަތްކޮށްފަވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި ހަދާ ތަޙުލީލުތަކުން ދެނެނުގަނެވޭ މުހިންމު މުއޓޭޝަންތައް ދެނެގަނެވޭނެކަމުގައި ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމުކުރެވުނު މި ޚިދުމަތް ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރީން ތެލަސީމިއާ ވާރުތަކު ކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެ ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާ އި އަދި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތް ފެށުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޖީލު ތަކަކަށް މި ޚިދުމަތުގެ ފަސޭހަކަމާއި އަދި ފައިދާ ދެމިގެންދާނެ ޚިދުމަތަކަށް މި ޚިދުމަތް ވެގެން ދާނެ." ޙާލީމް ރައްޒާގު ވިދާޅުވިއެވެ.

މިއީ 2025 ޖޫން 25 ވަނަ ދުވަހު މޯލްޑިވިއަން ބްލަޑް ސާރވިސަސް އަދި ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރ ހުޅުމާލޭގައި އިމާރާތް ކުރި އައު ޢިމާރާތަށް ބަދަލު ކުރި ފަހުން ފަށާފައިވާ ތިން ވަނަ ޚިދުމަތެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތެވެ.

މި ދާއިރާއިން ކުރިއަށްގެންގޮސްފަވާ މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވާފައެވެ. މިހާތަނަށް ޖުމުލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތުވަނީ ދީފަވެއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ތެލަސީމިއާ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.