ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ސްޕެއިންގެ އަންދްރޭސް ފްރާންސެސްކޯ މެނުއެލް ހަމަޖައްސައިފިއެވެ.
ނިއުރޭޑިއަންޓުން ވަނީ ޓެކްނިކަލް ޑައިރެކްޓަރ ރަސްމީކޮށް މީޑިއާއަށް ތައާރަފުކުރުމާއި އެކުލަބުގެ އެކަޑަމީ ރަސްމީކޮށް އިއުލާނުކުރުމަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ކުލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ޖެނުއަރީން ފެށިގެން އަންދްރޭސް އެ ކުލަބާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުލަބުގެ ހުރިހާ ޓީމެއްގެ ކަންކަން ބަލަހައްޓާނެ ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން މުސްތަގުބަލަށް އައު ޓީމުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ނިއުގެ އެކަޑަމީ މުޅިން ތަފާތު މޮޑެލަކަށް ހިންގާ އެ އެކަޑަމީން ކުދިން ތަމްރީނުކޮށް ފުޓްބޯޅައިގެ އައު ޖީލެއް ބިނާކުރުމަށް އަންދްރޭސް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށެވެ.
އަންދްރޭސް އަކީ ކޮވިޑް-19ގެ ދުވަސްވަރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އައި އެކު ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ.
އެ ކުލަބުން ބުނީ ސެލްގާޑް ފައުންޑޭޝަންގެ މެންބަރެއް ކަމަށްވާ އަންދްރޭސްއަކީ ޔޫރަޕްގައި ކުލަބުތަކާއި އެކަޑަމީތައް ހިންގާގޮތުގެ ތަޖުރިބާކާރެއް ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން ދެން އަންނަ މުބާރާތްތަކަށް ނިއުރޭޑިއަންޓް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
ކުލަބުގެ ޗެއާމަން މުބީން ވިދާޅުވީ އަންދްރޭސްގެ އެހީތެރިކަމާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުސްތަގުބަލަށް އައު ޓީމުތައް އުފެއްދުމަށް ފަށާ މި މަސައްކަތުގެ އެކަޑަމީގެ ހެޑް ކޯޗަކަށްވެސް ހަމަޖައްސާނީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗެއް ކަމަށެވެ. އަދި އޭނާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާނެ އަންހެން އަދި ފިރިހެން ކޯޗުން ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާއާއި ވާހަކަދައްކަމުން އަންދްރޭސް ބުނީ އޭނާގެ އުންމީދަކީ މުސްތަގުބަލުގައި ފެންވަރު ރަނގަޅު ޓީމުތަކެއް އުފެއްދުން ކަމަށެވެ. އަދި ދިވެހި ކުޅުންތެރިން ގްރާސްރޫޓުން ފެށިގެން ގޮސް ތަމްރީނުކޮށް ބޮޑު ބަދަލެއް އަންހެން އަދި ފިރިހެން ފުޓްބޯޅައަށްވެސް ހޯދައިދިނުން ކަމަށެވެ.