ޚަބަރު

ލަނޑެއް ކާމިޔާބުކޮށްދީ، ބައިކޮޅަށްވެސް ލަނޑުޖަހައި ރަތްކާޑެއް 1 މެޗުގައި


  • މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

  • ޖަވާދް އެލް ޔަމީޤް އަށް ރަތްކާޑު ދެއްކީ އިތުރުވަގުތުގެ ތެރޭގައި

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގައި އެއް ކުޅުންތެރިއަކު އަމިއްލަ ޓީމަށް ލަނޑުޖަހައިދިނުމަށްފަހު ބައިކޮޅަށް ވެސް ލަނޑެއް ޖަހައި ރަތްކާޑެއް ވެސް ހޯދައިފިއެވެ.

އެއިބާ އާއި ރެއާލް ޒަރަގޯޒާ ބައްދަލުކުރި މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ނަތީޖާއާއި ޖުމްލަ ގޮތެއްގައި މުޅި މެޗަށްވުރެ ވެސް ގިނަބައެއްގެ ލޯތައް އަމާޒުވެ ޝައުގުވެރިކަން ހުއްޓުނީ ޒަރަގޯޒާގެ ޖަވާދް އެލް ޔަމީޤް އަށެވެ.

އެއީ އާންމުގޮތެއްގައި އެއް މެޗެއްގެ ތެރެއިން ނުފެންނަ ތަފާތުކަމެއް އޭނާ މި މެޗުގައި ކޮށްފައިވާތީއެވެ.

ވާދަވެރިވި މި މެޗުގައި ޒަރަގޯޒާގެ ފުރަތަމަ ލަނޑު، މެޗުގެ 23 ވަނަ މިނެޓުގައި ޖަވާދު ކާމިޔާބުކޮށްދީ ލީޑުނަގައިދިނެވެ.

އެއިބާއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. އެއީ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި، ޖަވާދު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ އެއިބާގެ ސާޖިއޯ ކުބޭރޯ، ޒަރަގޯޒާގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖަވާދުގެ ފައިގައި ޖެހި، ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން އެއިބާއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

މީގެއިތުރުން، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައި މެޗުގެ ރެފްރީ ވަނީ ޖަވާދަށް ރަތްކާޑެއް ވެސް ދައްކާފައެވެ.

މިއީ އެއިބާގެ ކުޅުންތެރިއެއްގެ ގައިގައި ގަސްތުގައި ޖެހުމާ ގުޅިގެން އޭނާއަށް ދެއްކި ރަތްކާޑެކެވެ.

މި މެޗުން އެއިބާއާއި ޒަރަގޯޒާ އެއްވަރުވެފައިވާއިރު، ދެވަނަ ޑިވިޝަނުގެ ޕޮއިންޓް ތާވަލުގައި ޒަރަގޯޒާ އޮތީ 25 މެޗުން 23 ޕޮއިންޓާއެކު 21 ވަނައިގައެވެ. އަދި އެއިބާއަށް 32 މެޗާއެކު ލިބެނީ ތާވަލުގެ 14 ވަނައެވެ.