ޚަބަރު

އޭޝިއާ ކަޕުގައި ރާއްޖޭގެ ފިރިހެން ނެޓުބޯޅަ ޓީމަށް ލޯ މެޑަލް


  • މުބާރާތަށް ރާއްޖެއިން ފުރީ މެޑަލްއެއް ހޯދުމުގެ އަމާޒުގައި

  • މިއީ ސަރަހައްދީ މިފަދަ ފުރަތަމަ މުބާރާތް

ދެކުނު އޭޝިއާ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ބޭއްވި ފިރިހެނުންނަށް ޙާއްސަ، އޭޝިއަން ކަޕް، މެންސް އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމުން މުބާރާތުގެ ލޯ މެޑަލް ހާސިލްކޮށްފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ ހޮންގކޮންގާއި، ޖަޕާން އަދި މެލޭޝިއާއެވެ. މުބާރާތް ބާއްވާފައި ވަނީ ހޮންގކޮންގައި މި މަހުގެ ފަސްވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އާ ވާދަކޮށް ރާއްޖެ ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ހޮންގކޮންގް އަތުންވެސް ވީ ބައްޔެވެ. އެހެންނަމަވެސް ތިންވަނަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ 18-24 އިން މޮޅުވެފައެވެ.

މިއާއެކު މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އަނެއްކާވެސް ޖަޕާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހުނުއިރު އެ މެޗުން ރާއްޖެ މޮޅުވީ 21-28 އިންނެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނެޓްބޯޅަ ޓީމުގެ މެނޭޖަރ މުޙައްމަދު ވަޙީދު ވަނީ، މި މުބާރާތަށް ދަނީ މެޑަލްއެއް ހޯދުމުގެ ވަރުގަދަ އަމާޒުގައިކަން ހާމަކޮށްފައެވެ.