ލީގުގެ ފަހު މެޗާއި ޕްރެޒިޑެންޓްސް ކަޕުގެ ޕްލޭއޮފް މެޗާ ދެމެދު އޮތް މުއްދަތުގެ ތެރޭގައި ރަނގަޅަށް ރިކަވަރީ ޖެއްސިއްޖެނަމަ، ޕްލޭ އޮފް މެޗުގައި ނަތީޖާ ނެރެވޭނެކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ލީގުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-3 އިން ކުރިހޯދި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ވަރަށް ހިތްހަމަޖެހިލައިގެން ހުރެ ދިން އިންޓަވިއުގައި އާތިފް ވަނީ، މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ.
އާތިފް ބުނީ، އެ މެޗުން ފެނިގެންދިޔައީ ޓީމެއްގެ ގޮތުގައި އެންމެން އެއްކޮށް، އެކަކު އަނެކަކަށް އިތުބާރުކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ކާމިޔާބީ އަކީ ވަކި ބައެއްގެ މިލްކުގައިވާ އެއްޗެއް ނޫންކަމާއި، މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ނުވަތަ ބަޔަކަށް ވެސް ކާމިޔާބީ ލިބޭނެކަން ކުޅުންތެރިންނަށް ވިސްނާދެވުން އެއީ، ޓީސީން ހޯދާފައިވާ ކުރިއެރުންތަކުގެ އަސްލުކަން އާތިފް ފާޙަގަކުރިއެވެ.
ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ކުޅެން އޮތް ޕްލޭ އޮފް މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އާތިފް ބުނީ، ލިބޭ ދެ ދުވަހެއްހައި މުއްދަތުގެ ތެރޭގައި، ރަނގަޅު ރިކަވަރީއެއް ކުޅުންތެރިންނާއެކު ޖެއްސިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ޕްލޭއޮފްގައި ޓީސީ މިރޭ ނުކުންނާނީ ލީގު ތާވަލުގެ ހަވަނަ ހޯދި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
މި މެޗުން މޮޅުވާ ޓީމެއް ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަހޯދާއިރު ކުޅެން ޖެހޭނީ ގްރޫޕް 1 ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބެވެ.