މި މަހު އެމްއެންޑިއެފުން "އުނދުން ނިވާލިންތޯ" ގެ ޝިޔާރުގެ ދަށުން ކުރިއަށްގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ހަރަކާތްތައް ނިންމާލައިފިއެވެ.
މިމަހުގެ 1 އަކުން 7 އަކާއި ހަމައަށް މުޅިރާއްޖެއަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުން އަމީނިއްޔާ ސްކޫލާއި، މުހިޔިއްދީން ސްކޫލް ހުޅުމާލޭގެ ރެހެންދި ސްކޫލް އަދި ސަލާހުއްދީން ސްކޫލުގައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ހުރިހާ އޭރިއާ ކޮމާންޑު ތަކެއްގެގައި މިހަރަކާތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެމްއެންއެޑީއެފުން ވަނީ މި ހަރަކާތުގައި ބައިވެރިވި މީހުންނަށް، ފަޔަ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވަން ދަސްކޮށްދީ، ރައްކާތެރި ގޮތުގައި އަލިފާން ބޭނުން ކުރާނެ އުކުޅުތައް ދަސްކޮށްދިނުމުގެ އިތުރުން ބަދިގެ ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކަރަންޓުގެ ޒަރިއްޔާއިން ހިނގާ އަލިފާނުގެ ހަދިސާތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.
އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ އެންމެ ފަހު ސެޝަން ރޭ 20:00 އިން 22:00 އަށް ހުޅުމާލެ ފެސް 1 ގެ ރެހެންދި ސްކޫލުގައި ވަނީ ބާއްވާފައެވެ. މިސެޝަނާއެކު މިހަރަކާތް ނިމުނު ކަމުގައި ވިޔަސް އަދިވެސް އަލިފާނުން ރައްކާތެރިވެ ތިބުމަށް ދަސްކޮށްދޭ އިތުރު ހަރަކާތްތައް މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށްދިޔަ ވަގުތު ވަޑައިގަންނެވި ބޭފުޅުން މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ޚާއްސަ އިނާމުތަކެއްދެވިފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން 2012ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހާއި ދިމާކޮށް ދަނީ މި ހަރަކާތް މާލެއާއި އަތޮޅުތަކުގައި ބާއްވަމުންނެވެ.