ސްޕެނިޝް ލަލީގާގައި މަޔޯކާގެ މައްޗަށް ހޯދި މޮޅާއެކު ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ލީޑުފުޅާކޮށްފިއެވެ.
ބާސާގެ ކޭމްޕް ނޫގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހައިދީ، 29 ވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދިނީ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ. ބާސާއިން މެޗުގައި ޖެހި އަނެއް ދެ ލަނޑަކީ، ދެވަނަ ހާފުގައި އެ ޓީމުން ޖެހި ދެ ލަނޑެވެ.
އެގޮތުން 61 ވަނަ މިނެޓުގައި، ބާސާގެ ދެވަނަ ލަނޑު ޖަހައިދީ ލީޑުފުޅާކޮށްދިނީ އެ ޓީމުގެ ތަރި ލަމީން ޔަމާލެވެ. ބާސާއިން މެޗުގައި ޖެހި ތިންވަނަ ލަނޑު، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވާން ހަތް މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މާކް ބާނަލްއެވެ.
މި މޮޅާއެކު ބާސާ މިވަގުތު ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން 58 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެ 54 ޕޮއިންޓު ހޯދައިގެންނެވެ.
މެޗުން ބަލިވި މަޔޯކާ، ތާވަލުގެ 15 ވަނައިގައި އޮތީ 23 މެޗުން 24 ޕޮއިންޓާއެކުއެވެ.