ޚަބަރު

އީރާނާއި އެމެރިކާއާ ދެމެދު ނުރަސްމީ މަޝްވަރާތައް ފަށައިފި


އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އުފެދިފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ޓަކައި އެ ޤައުމާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތައް ފަށައިފިއެވެ. ދެ ފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އޮމާނުންނެވެ. މަޝްވަރާ ކުރަމުންދާ މައުޟޫޢުތައް ފުޅާ ކުރުމަށް އެމެރިކާއިން ބާރު އަޅަމުން ދިޔުމާ އެކު، ދެބަސްވުންތަކަށް ޚާރިޖީ ހައްލެއް ހޯދުމަށް ހުރަސް އެޅި، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުމެއް އުފެދުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މަޝްވަރާތައް ރަސްމީކޮށް ފަށާފައިވާ ކަން އީރާނުން ކަށަވަރު ކޮށްދީފައި ނެތް ނަމަވެސް، އެ ޤައުމުގެ ޝަރުޠުތައް އޮމާން މެދުވެރިކޮށް އެމެރިކާއާ ހިއްސާ ކޮށްފައިވާ ކަމުގައި އީރާންގެ މަޞްދަރުތަކުން ބުންޏެވެ. މީގެ ކުރިން، އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ "ޝަޓްލް ޑިޕްލޮމެސީ"ގެ އުސޫލުން ނުވަތަ ދެ ފަރާތުގެ ދެމެދުގައި މެދުވެރިއަކު މެސެޖުތައް ބަދަލު ކޮށްދީގެންނެވެ.

މި ވަގުތު މަޝްވަރާތަކަށް އޮތް މައިގަނޑު ހުރަހަކީ މަޝްވަރާ ކުރެވޭނެ މައުޟޫޢުތަކާ މެދު ދެ ފަރާތުގެ މެދުގައި އޮތް ބޮޑު ޚިޔާލު ތަފާތުވުމެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ފިޔަވައި އެހެން އިތުރު މައުޟޫޢަކަށް މަޝްވަރާ ކުރުމަށް ތަހްރާނުން ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، ނިއުކްލިޔަރ ޕުރޮގުރާމުގެ އިތުރުން އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާއި، އެހެން ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އީރާނުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ މައްސަލައާ މެދު ވެސް އެމެރިކާއިން މަޝްވަރާ ކުރަން ބޭނުންވާ ކަމުގައެވެ.

ދެ ފަރާތުގެ މެދުގައި ނުރަސްމީ މަޝްވަރާތައް ކުރަމުން މި ދަނީ ނުރައްކާތެރި ފަސްމަންޒަރެއްގެ ތެރެއިންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން ކައިރިއަށް އެމެރިކާގެ އަސްކަރީ ބިޔަ ލަޝްކަރެއް ފޮނުއްވާފައެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަނާއި އިތުރު މަނަވަރުތައް ހިމެނެއެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕްގެ އިންޒާރުތަކަށް އީރާނުން ވެސް ވަނީ ރައްދު ދީފައެވެ. އަދި، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމު ކޮށްފައި އޮތް ގަލްފުގެ ޤައުމުތަކުން ބައިވެރިވެއްޖެ ނަމަ، އެ ޤައުމުތަކަށް ރައްދު ޙަމަލާ ދޭނެ ކަމުގައި ބުނެ، އިންޒާރު ދީފައެވެ. އީރާނަށް އަމާޒުކޮށް އެމެރިކާއިން ދޭ އެއްވެސް ޙަމަލާއެއްގައި ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ސަރަޙައްދު ބޭނުން ކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގައި އެ ދެ ޤައުމުން ދާދިފަހުން ބުނެފައިވެއެވެ.