ފަލަސްޠީނުގެ ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހުސްވި އަހަރު ދަތުރުކުރި 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަން ދީފައިވާ ހަރަކާތުގެ އުޅަނދުތައް ޔަހޫދީން ހުއްޓުވާފައިވާއިރު، އެއަށްވުރެ ދެގުނަ ބޮޑު ހަރަކާތެއް ފެށުމަށް އެ ކަން އިންތިޒާމު ކުރި ފަރާތުން ތައްޔާރުވާން ފަށައިފިއެވެ. ހުސްވި އަހަރުގެ އޮކްޓޫބަރުގައި ހިންގި ހަރަކާތުގައި 40ށްހާ އުޅަނދު ބައިވެރިވިއެވެ. ނަމަވެސް، ޣައްޒާއަށް ފޯރުމުގެ ކުރިން ޔަހޫދީ ސިފައިން ވަނީ އެ ހަރަކާތް ހުއްޓުވައި، އެ އުޅަނދުތަކުގައި ދަތުރު ކުރި 450ށްހާ އެކްޓިވިސްޓުން ހައްޔަރު ކޮށްފައެވެ.
ޞުމޫދް ފްލޮޓިއްލާ އިންތިޒާމު ކުރި ފަރާތުން ބުނީ، އެ ފަދަ އައު ހަރަކާތެއް އިންތިޒާމު ކުރަމުންދާއިރު، ހަރަކާތުގެ އުޅަނދުތަކުގައި 1,000ށްހާ ޞިއްޙީ އެހީތެރިކަން ދަތުރު ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ. ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ފައުންޑޭޝަނުގައި ބޭއްވި ބައްދަލުވުމެއްގައި ޞުމޫދް ފްލޮޓިއްލާ އިންތިޒާމު ކުރި ފަރާތުން ބުނީ، ކުރިއަށް އޮތް ހަރަކާތުގައި 100ށްވުރެ ގިނަ އުޅަނދު ބައިވެރިވާނެ ކަމަށް އުންމީދު ކުރެވޭ ކަމުގައެވެ.
"މިއީ އިންސާފާއި ކަރާމާތަށް ޓަކައި ތެދުވަން ބޭނުންވާ އެންމެންގެ ޙައްޤުގައި ކުރެވޭ މަސައްކަތެއް،" ފްލޮޓިއްލާގެ ދަތުރު އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މަންދްލާ މަންޑޭލާ ވިދާޅުވިއެވެ. އޭނާއަކީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް މަންޑޭލާގެ ކާފަދަރިކަލެކެވެ. ހުސްވި އަހަރުގެ އޮކްޓޫބަރުގައި ހިންގި ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. ފްލޮޓިއްލާއިން ކުރިއަށް ރާވަމުންދާ ހަރަކާތުގައި މުޅި ދުނިޔެއިން ބައިވެރިވުމަށް އޭނާ ވަނީ ގޮވައިލާފައެވެ.
ޣައްޒާގެ ސަރަޙައްދީ ރޮނގު އޮތީ ޔަހޫދީންގެ ކޮންޓުރޯލުގެ ދަށުގައެވެ. އަދި، އެ ސަހަރުގައި ތިބި 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތައްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ދަނީ ހުރަސްތަކެއް ކުރިމަތި ކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުސްވި އަހަރުގެ އޮކްޓޫބަރު މަހު މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން އަދިވެސް ހުރަސް އަޅަމުންދާ ކަމުގައި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނެއެވެ.
ޣައްޒާގެ ބިމުގެ %53 ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ. ޣައްޒާގެ އާބާދީ މި ވަގުތު ދިރިއުޅެމުން ދަނީ އެ ސަހަރުގެ އައްސޭރިފަށުގައި އޮތް ހަނި ސަރަޙައްދެއްގައެވެ. ޤަތުލުޢާންމުގެ ތެރެއިން ޣައްޒާގެ ރައްޔިތުންގެ ގެދޮރުގެ ބޮޑު އިންސައްތައެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާއިރު، އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ފޭލިގެތަކާއި ހަލާކު ކޮށްލާފައިވާ އިމާރާތްތަކުގައެވެ.