ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާގައި އަމިއްލަ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު


  • ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، ސަރުކާރުގެ ސިޔާސަތެއް

  • ކޮނޑޭގައާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވާނީ ހުޅުވާލާފައި

ދަނޑުވެރިކަމުގެ ދާއިރާގައި އަމިއްލަ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމުގެ ސިނާޢަތަކީ ޒަމާނުއްސުރެން ދިވެހިން މަސައްކަތްކޮށް އާމްދަނީ ހޯދާ މުހިންމު ސިނާއަތެކެވެ. ކުރިން ދަނޑުވެރިކަމަށް ނުހަނު ބޮޑަށް އިސްކަންދިން ނަމަވެސް ދަނޑުވެރިކަމަކީ މޫސުމީ ކަމެއްކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކޮށް އެހެނިހެން ސިނާއަތްތަކަށް އިސްކަންދޭންފެށުމުގެ ސަބަބުން ދިވެހި އިޤްތިސާދުގައި ދަނޑުވެރިކަން ހިއްސާވާ މިންވަރު ދަށްވެގެންދިޔައެވެ. އެއާއެކު ގިނަ އަހަރުތަކެއް ވަންދެން ދަނޑުވެރިކަމުގެ ސިނާއަތް އޮތީ ސިނާޢަތެއްގެ ގޮތުގައި ކުރިއަރުވަން އެންމެ އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރެވިއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ބައެއް ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރިނަމަވެސް، ރާއްޖެފަދަ އިންޕޯޓަށް ބަރޯސާވާ ޤައުމަކުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭންޖެހޭ މިންވަރަށް އިސްކަންދެވިފައި ނުވާކަން މި ސިނާއަތުގައި މިއަދުވެސް ހަރަކާތްތެރިވާ މީހުންގެ ވާހަކައިން އެނގެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހި އިޤްތިޞާދުގައި މިހާތަނަށް އެކަށީގެންވާ ގޮތަކަށް ސަރުކާރުތަކުން ސަމާލުކަން ދީފައި ނުވާ އެހެން ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ވިސްނާއިރު، އެންމެ ސަމާލުކަން ދޭންޖެހޭ އެއް ސިނާޢަތަކީ ދަނޑުވެރިކަމުގެ ސިނާޢަތް ކަމަށެވެ.

ރިޔާސީ ބަޔާނުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އުންމީދީ ވާހަކަތަކެއް ފާހަގަކޮށްފައިވާއިރު ރައީސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، ސަރުކާރުގެ ސިޔާސަތެއްކަމަށް ވަނީ ވިދާޅުވެފައެވެ. މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމްކުރެވިފައި. އަދި ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މިދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 'ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ކޮނޑޭގައާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވާނީ ހުޅުވާލާފައިވާކަމަށާއި އަދި، ލ. ގަމުގައާއި ހދ. ނޮޅިވަރަމުގައި މަޝްރޫޢުތައް ކުރިއަށްގެންދަން މި އަހަރު ހުޅުވާލާނެކަމަށެެވެ. މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދިމާވާ ދަތިތައް ފަދަ ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ސިންދަފާތު ކުރުމައްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް އުފެއްދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތުއެކި ބާވައްތައް އާލާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ. މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލުކުރުމުގެ ގޮތުން ތަފާތު އެކި މަޝްރޫއުތައްވެސް ސަރުކާރުން ދަނީ ހިނގަމުންނެއެވެ.