ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވިފަހުން ރެއާލް މެޑްރިޑުގެ ކުރީގެ ތަރި ކަރިމް ބެންޒެމާ ކުޅުނު ފުރަތަމަ މެޗުގައި ވެސް ހެޓްރިކް ހަދައި، އަލް ހިލާލަށް ބޮޑު މޮޅެއް ހޯދައިދީފިއެވެ.
ޕްރިންސް ހަތުލޫލް ބިން އަބްދުލްއަޒީޒް ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި އަލް އަޚްދޫދާ ދެކޮޅަށް ކުޅުނު މި މެޗުން ހިލާލް މޮޅުވީ 0-6 ގެ ނަތީޖާއަކުންނެވެ.
މިއީ އަލް އިއްތިހާދުގައި ހުރުމަށްފަހު ބެންޒެމާ އަލް ހިލާލަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗަށްވާއިރު، މެޗުގައި 30 ވަނަ މިނެޓުގައި ހިލާލަށް ފުރަތަމަ ލަނޑުޖަހައި ލީޑުނަގައިދިނީ ވެސް ބެންޒެމާއެވެ. މިއީ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅެމުންދިޔަ ހިލާލުގެ ދެވަނަ ލަނޑު، 60 ވަނަ މިނެޓުގައި ޖަހައިދީ އެޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް ބެންޒެމާއެވެ. އަދި އޭނާ ހެޓްރިކް ފުރިހަމަކޮށް، ހިލާލުގެ ވެސް ތިންވަނަ ލަނޑު ޖަހައިދިނީ 64 ވަނަ މިނެޓުގައެވެ.
މުޅި މެޗުހެން ޑޮމިނޭޓުކުރަމުންދިޔަ ހިލާލުގެ ހަތަރުވަނަ ލަނޑު، 70 ވަނަ މިނެޓުގައި ޖަހައިދިނީ މެލްކޮމް އެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން ސަލީމް އަލްދައުސަރީ ވަނީ ހިލާލުގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގައި އެ ޓީމުން ޖެހި ފަސްވަނަ ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ދައުސަރީއެވެ.
މި މޮޅާއެކު އަލް ހިލާލުން ވަނީ ސައުދީ ލީގުގެ ތާވަލުގެ އެއްވަނައިގައި އަނެއްކާވެސް ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ކުޅުނު 20 މެޗުން ހިލާލަށް 50 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް އަހްލީއަށް 47 ޕޮއިންޓު ލިބިފައިވެއެވެ. އަދި ލީގު ތާވަލުގެ ތިންވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރަށް 19 މެޗުން 46 ޕޮއިންޓު ލިބިފައިވެއެވެ.