ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލުގައި ޔުވެންޓަސް ބަލިކުރުމަށްފަހު އެޓަލާންޓާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން އެޓަލާންޓާ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ބޮޑު ބައެއްގައި ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.
އެހެންނަމަވެސް އެޓަލާންޓާއިން ވަނީ ފުރަތަމަ ހާފުގައި، މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑުނަގާފައެވެ.
ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއާންލޫކާ ސްކަމަކާއެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ކާމިޔާބުކުރި ލަނޑެކެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓަލާންޓާއިން ދެވަނަ ހާފު ފެށިއިރު، ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައި ވެސް ޔުވެންޓަސްއިން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް މި ހާފުގައި ވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
މެޗުގައި އެޓަލާންޓާއިން ދެވަނަ ލަނޑެއްޖަހައި ލީޑުފުޅާކުރީ 77 ވަނަ މިނެޓުގައެވެ. މިި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަމާލްދީން ސުލޭމާނާއެވެ.
އެޓަލާންޓާއިން މެޗުގައި ތިންވަނަ ލަނޑުޖެހީ ފުރިހަމަވަގުތުގެ ކުޅުން ހަމަވާން ފަސްމިނެޓަށްވެފައި ވަނިކޮށެވެ. މިއީ މާރިއޯ ޕަސަލިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް ކަޓުވާލާ އެޓަލާންޓާއިން ސެމީގެ ޖާގަ ހޯދިއިރު އިންޓަރ މިލާނުން ވެސް ވަނީ ސެމީގެ ޖާގައެއް ހޯދާފައެވެ.
ސެމީގެ ބާކީ ދެ ޖާގަ ލިބޭ ޓީމެއް އިނގޭނީ މި މަހުގެ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހު ކުޅޭ ކުއާޓަރ ފައިނަލުގެ ފަހު މެޗުތަކަށް ފަހުއެވެ. 11 ވަނަ ދުވަހު ބައްދަލުކުރާނީ ނާޕޯލީއާއި ކޮމޯއެވެ. 12 ވަނަ ދުވަހު ބައްދަލުކުރާނީ ބޮލޯނިއާ އާއި ލާޒިއޯއެވެ.