ސައުދި ޕްރޯ ލީގުގެ ކްލަބް އަލް ނަސްރަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައުދީ ޕްރޯ ލީގުން ވަރުގަދަ އިންޒާރެއް ދީފި އެވެ.
ސައުދީ ޕްރޯ ލީގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ކުޅުންތެރިއަކީ އެ ކުޅުންތެރިއެއްގެ ކްލަބްގެ ނިންމުންތަކަށް އިހުތިރާމް ކުރާ އަދި އެއަށްވުރެ މަތީގައި ހުންނަ ފަރާތަކަށް ވެގެންނުވާނެ ކަމަށެވެ.
ރޮނާލްޑޯ އަށް މިފަދަ އިންޒާރެއް ދީފައިވަނީ ސައުދީ ލީގުގައި މިދިޔަ ހޯމަ ދުވަހު އަލް ރިޔާދް އާއި ދެކޮޅަށް އަލް ނަސްރު ކުޅެން އޮތް މެޗުގައި ރޮނާލްޑޯ ކުޅެން ދެކޮޅު ހަދާފައިވާތީ އެވެ.
ޕޯޗުގަލްގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ އޭނާގެ ކްލަބާއި މެދު ހިޔާލު ތަފާތުވެފައިވަނީ އެ ކްލަބް ހިންގާ ސައުދި އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑްގެ ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހިގެންނެވެ.
ރޮނާލްޑޯގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ހިންގާ އަލް ހިލާލް އަށް ފްރާންސްގެ ފޯވަޑް ކަރީމް ބެންޒޭމާ ދިއުމާއި ގުޅިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލް އަށް ކުޅުންތެރިން ހޯދާފައިވާއިރު އަލް ނަސްރަށް ރަގަޅު ކުޅުންތެރިންތަކެއް ނުހޯދާ ކަމުގެ ޝަކުވާ ކޮށްފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ކަރީމް ބެންޒޭމާ އަލް ހިލާލްއަށް ބަދަލުވެ އޭނާ ކުޅުނު ފުރަތަމަ މެޗުގައިވެސް ވަނީ ހެޓްރިކެއް ހަދާފަ އެވެ.
ރޮނާލްޑޯ އާއި އަލް ނަސްރު އާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރޮނާލްޑޯ ވަނީ މިދިޔަ ބުދަ ދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ.
ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވެފައިވަނީ 2022 ވަނަ އަހަރު މުސާރައިގެ ގޮތުގައި އަހަރަކު 177 މިލިއަން ޕައުންޑަށެވެ. އެއީ މަހަކަށް 14.75 މިލިއަން ޕައުންޑެވެ.
ފަސް ފަހަރު މަތިން ބެލޮންޑޯ އެވޯޑް ހާސިލުކޮށްފައިވާ ރޮނާލްޑޯ ފުރަތަމަ އަލް ނަސްރަށް ބަދަލުވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހު އޭނާ ވަނީ އިތުރު ދެ އަހަރު އެ ކްލަބަށް ކުޅުމަށް ސޮއިކޮށްފަ އެވެ.
ސައުދީ ޕްރޯ ލީގުގައި މިހާތަނަށް 20 ކުޅެފައިވާއިރު އެއްވެސް މެޗަކުން ބަލިނުވެ އަލް ހިލާލް އަށް ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. އަލް ނަސްރަށް ލިބިފައިވާ 46 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.