ޚަބަރު

ޕާކިސްތާނުން ބަލޯޗިސްތާނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަން ނިންމާލައިފި


ޕާކިސްތާނުން ވަކިވެގަނެ، ބަލޯޗިސްތާނުގެ ވަކި ދަޢުލަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ވަރުގަދަ އަސްކަރީ އޮޕަރޭޝަން ނިންމާލައިފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މި އޮޕަރޭޝަން ފެށީ، ބަލޯޗް ލިބެރޭޝަން އާމީ (ބީއެލްއޭ)ގެ ހަނގުރާމަވެރިން ޕާކިސްތާނުގެ އަސްކަރީ ބައެއް މަރުކަޒުތަކަށް ޙަމަލާދީ، ބޮން ގޮއްވައި، މީހުން ރަހީނުކުރުން އިތުރުކުރުމާ ގުޅިގެންނެވެ.

މިގޮތުން، އާންމުންގެ ގިނަ ސަރަޙައްދުތައް ކަމަށްވާ، ބޭންކުތަކާއި މާރުކޭޓުތަކަށް ވެސް ހަނގުރާމަވެރިން ވަނީ ހަތިޔާރާއެކު ވަދެ، ޙަމަލާ ދީފައެވެ.

އެ ޙަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ބީއެލްއޭގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ކާމިޔާބާއެކު އެ އޮޕަރޭޝަން ނިންމައިލިއިރު، ގިނަ ޢަދަދެއްގެ ހަނގުރާމަވެރިންގެ މަރުކަޒުތައް ރޫޅާލައި، ހަތިޔާރުތައް ވެސް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅޭގޮތުން ބީއެލްއޭއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ޕާކިސްތާނުގައި ހުޅަނގުދެކުނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ 216 މީހުން ވަނީ މަރާލައިފައެވެ.

ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ސިފައިންގެ 22 މީހުންނާއި، އާންމުންގެ 36 މީހުން ވެސް ވަނީ މަރުވެފައެވެ.

އޮޕަރޭޝަން ރަސްމީކޮށް ނިންމައިލިނަމަވެސް، އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ.