ޚަބަރު

24 ގަޑިއިރު ޝަކުވާ ހުށައެޅޭ އޮފީހެއް ޤާއިމުކުރަނީ


  • ކޮންޕްލެއިންސް މެނޭޖްކުރާނެ އާޓިފިޝިއަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާނެ

  • ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށްދާ ގޮތް ސިސްޓަމް މެދުވެރިކޮށް ޓްރެކް ކުރެވޭނެ

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް 24 ގަޑިއިރު ހުށައެޅޭ އޮފީހެއް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވީހާވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް ހުށައަޅާ އޮފީސް ނުވަތަ ސިޓިޒަންސް ކޮންޕްލެއިންސް ބިއުރޯގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތް ދޭނެ އޮފީހެއް ރައީސް އޮފީހުގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ، ރައްޔިތުން ހުށައަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ ސިސްޓަމެއް ހަމަޖައްސައި، ޝަކުވާތަކާއި ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދައި އެ ޝަކުވާތަކަށް ޖަވާބުދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ޝަކުވާތައް ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހުށައެޅޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި މަރުކަޒުގައި ކޮންޕްލެއިންސް މެނޭޖްކުރާނެ އާޓިފިޝިއަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާރޓް އޮޓޯމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ޤާއިމްކުރެވިގެންދާނެ. އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށައެޅޭ ހުރިހައި ޝަކުވާތައް މި ސިސްޓަމް ތެރެއިން ރިކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޓިކެޓް ރެއިޒްކޮށް ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށްދާ ގޮތް ސިސްޓަމް މެދުވެރިކޮށް ޓްރެކް ކުރެވޭނެ ނިޒާމް ހަމަޖެހިފައި ހުންނާނެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކީވޯލްއެއް ޤާއިމްކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށައެޅޭ ޝަކުވާތައް މެނޭޖްކޮށް، އެ ޝަކުވާތަކަށް ޖަވާބުދިނުމަށް ސަރުކާރުގެ އިދާރާތަކުގައި ސިޓިޒަންސް ކޮންޕްލަޔަންސް ބިއުރޯގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާ ގޮތަށް ހަމަޖައްސައި، ސަރުކާރުގެ ހުރިހައި އިދާރާތަކަށް ހުށައެޅޭ ޝަކުވާތައް ވަން ސިންގަލް ކޮންޕްލަޔަންސް މެނޭޖްމަންޓް މެކޭނިޒަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށައެޅޭ ޝަކުވާތަކާއިމެދު އިދާރާތަކުން ޖަވާބު ދެމުންދާ ގޮތް މޮނިޓަރކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވާ ބިއުރޯއެއްގެ ގޮތުގައި ސިޓިޒަންސް ކޮންޕްލަޔަންސް ބިއުރޯ ހަރަކާތްތެރިވާނެ ކަމަށެވެ.