ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ފަހު ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައެވެ.
ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވާ ޤައުމާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހާމަކުރެއްވުމަށް ދެއްވި ރިޔާސީ ބަޔާނުގައިވަނީ ހުރިހާ ދާއިރާއަކުންވެސް ކުރިއަށް ރާއްވަވާފައިވާ އަދި ކުރައްވަމުން އަންނަ ކަންކަމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހާއި މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސް ދެއްވެވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހާއި މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމަށްކަމަށް ވިދާޅުވެފައެވެ.
"20 ވަނަ ރައްޔިތުންގެ މަޖިލީސް އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއާއި ރައްކާތެރިކަން. އަޅުގަނޑު ރައީސް ޑރ. މުޢިއްޒަށް ޔަޤީންކަން ދޭންބޭނުންވަނީ، މި މަޖިލީސް ދެމިއޮންނާނީ ދިވެހި ސަރުކާރާއި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނާއެކީގައި." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންގެ މަޖިލީހުން ބިނާކުރަނިވި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ މަސައްކަތް ފަށާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ އަންނަ ހޯމަ ދުވަހު ކަމަށް ރައީސް އަބްދުއްރަހީމް ވަނީ ޖަލްސާ ނިންމަވާލައްވަމުން އިއުލާންކުރައްވާފައެވެ.