ކުޅިވަރު

ކުޑަކުދިންނަށް ޚާއްޞަ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް އޭޕްރިލް މަހު ފަށަނީ


  • އީ ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ މަސައްކަތްވެސް އޭޕްރިލްމަހު ފަށާނެ

  • އާކޭޑް ތަރައްޤީކުރާނީ ބޯލިން އެރީނާފަދަ އާކޭޑް ކުޅިވަރުތައް ކުޅޭވޭނެ ގޮތަށް

  • ރާއްޖޭގެ ރައްޔިތުންނަކީ ހެލިފެލިވެ އުޅުމުގެ އާދަ އަށަގަނެފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު

އީ ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި މާލޭގައި ފަށަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ އޭޕްރިލްމަހުގެ މަހުގެ ތެރޭގައި މާލޭގައި އީ ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވާ އާކޭޑް ތަރައްޤީކުރާނީ ބޯލިން އެރީނާފަދަ އާކޭޑް ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމާއިއެކުކަމަށް ރައީސްވަނީ ހާމަކުރައްވާފައެވެ.

"މާލޭގައި އީ ސްޕޯޓްސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، އާކޭޑް ކުޅިވަރުތަކާއި ބޯލިން އެރީނާއަކާއި ކުޑަކުދިންގެ އިންޑޯ އެކްޓިވިޓީސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ހަމަ މިއަހަރު އޭޕްރިލްމަހުގެ ތެރޭގައި ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމަށްޓަކައި ހެލިފެލިވެ އުޅުމުގެ އާދަ ކުދިބޮޑު އެންމެންގެ ކިބައިގައި އަށަގެންނެވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. އެގޮތުން ދެ ގުނަ ބޮޑު ކުޅިވަރު ބަޖެޓެއް އެކުލަވާލާފާވައިރު މިބަޖެޓަކީ މުސަތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ކުޅިވަރު ވަޒީރުވެސްވަނީ ދާދިފަހުން ވިދާޅުވެފަވެއެވެ.

ހަކުރުބައްޔާއި ލޭމައްޗަށް ދިޔުން ފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ރާއްޖޭގެ އާބާދީ ދުރުހެލިކޮށް، ނަފްސާނީ ދުޅަހެޔޮކަން އަށަގެންނެވުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައްދަނީ ޤާއިމުކުރެވެމުންނެވެ. އޭގެ އިތުރުން ކުޅިވަރު ކުޅުމަށް ބޭނުންވާ ދަނޑުތަކާއި، ކޯޓުތަކުގެ އިތުރުން ޓްރެކްތައް ޤާއިމުކުރުމުގެ މަސައްކަތަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ.

ނަފްސާނީގޮތުން ދުޅަހެޔޮ އުފާވެރި ތަނަކަށް ރާއްޖެ ހެދުމުގެ އަމާޒުގައި ސަރުކާރުން ގާއިމުކުރަމުންދާ ކުޅިވަރާއި ގުޅުންހުރި ވަސީލަތްތަކުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ ނަފްސާނީގޮތުން ދުޅަހެޔޮ ތަނަކަށް ރާއްޖެ ވެގެންދިޔުމަކީ ސަރުކާރުގެ ދިގު ރާސްތާ ޕްލޭނެކެވެ.