ޚަބަރު

އިތުރު ދަރަނި ނުނަގައި އެސްޑީއެފްއިން އެކަނި ދަރަނި ދެއްކޭ ގޮތް ހަދައިދޭނަން: ރައީސް


  • އެސްޑީއެފްއަށް މިހާރު 275 މިލިޔަން ޑޮލަރު ވަނީ ޖަމާކޮށްފައި

  • ސުކޫކުގެ 150 މިލިޔަން ޑޮލަރު އަދާކުރާނީ އެސްޑީއެފްއިން

  • ސުކޫކު ބާކީ ރީފައިނޭންސް ކުރާނީ ކުރީ ސަރުކާތަކަށް ވުރެ ކުޑަ ރޭޓެއްގައި

ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކަން ކުރާނީ އެސްޑީއެފް މެދުވެރިކޮށް ދަރަނި ދެއްކޭގޮތަށް ހަމަޖައްސައިގެން ކަމަށް ވިދާޅުވެފައެވެ.

އަދުގެ ސަރުކާރު ހަވާލުވިއިރު ދަރަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ކުރީ ސަރުކާރުން ނަގާފައިވާ ސޫކޫކަށެވެ. މިއީ 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު ދެއްކުމަށް ކުރީ ސަރުކާރުން ނަގާފައިވާ ސުކޫކެކެވެ. އޭރުގެ ސަރުކާރުން މި ސުކޫކު ނެގީ ބޮންޑު ދެއްކުމަށް ނަމަވެސް، އޭގެ މައްޗަށް އިތުރު 250 މިލިޔަން ޑޮލަރު ވަނީ ނަގާފައެވެ. މިކަމާއި ގުޅިގެން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު އައެމްއެއެފްއިން ނެރުނު އާޓިކަލް ފޯރ ރިޕޯޓުގައި ރާއްޖެ އޮތީ ބަނގުރޫޓުވުމުގެ ހިރާސް މަތި ޤައުމެއް ކަމަށް ވަނީ ބަޔާން ކޮށްފައެެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރު ހަވާލުވިއުރު އެންމެ ބޮޑު ނުތަނަވަސް ކަމެއް އޮތީ މިކަންކަމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އެކަމަށް އިސްކަންދީގެ މަސައްކަތްކޮށް ދަރަނި ދެއްކުމަށް ޤާޢިމްކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ހަރުދަނާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިއަހަރު މިހާތަނަށް މި ފަންޑަށް 275 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖަމާކޮށްފައިވާއިރު ސުކޫރު ދެއްކުމަށް ފަންޑުގެ ބައެއް ބޭނުން ކުރާނެ ކަމަށް ރައީސްލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ޢަމަލުކޮށްފައިވާ ގޮތުން، ބޮންޑު އަދި ސުކޫކު ހިމެނޭހެން މިތަކެތި ނެގުމަށް ކުރަން ޖެހުނު ޚަރަދު ޑަބަލް ޑިޖިޓަށް އިތުރުވެ 10.5 އިންސައްތައަށް އެރި ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރު ދަރަނި ދެއްކުމަށް ހަރުދަނާ އުސޫލްތަކެއް ޤާއިމްކޮށްފައިވާނެ ކަމަށާއި ސުކޫކު އަނބުރާ ދެއްކުމަށް އެސްޑީއެފްއިން 150 މިލިޔަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

"ސުކޫކުގެ މިއަހަރު އަދާކުރަންޖެހޭ ފައިސާގެ ތެރެއިން 150 މިލިޔަން ޑޮލަރު އަދާކުރާނީ އެސްޑީއެފް މެދުވެރިކޮށް. މި ސްކޫކުގެ އެއްބައި އަނބުރާ ދެއްކުމަށް ފަހު ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަ ގޮތާއި ޚިލާފަށް 9 އިންސައްތައަށް ވުރެ ބޮޑުނުވާނެކަން ފުރިހަމަ ޔަޤީންކަން ދެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކުރީ ސަރުކާރުގެ ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި މިއަހަރު އެޕްރީލް މަހު ސްކޫކު އަދާކުރާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤީން ކުރެވޭނެގޮތަށް ކަމަށް ވިދާޅުވެ އެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ

މިހާތަނަށް ރާއްޖެއިން ދަރަނި އަދާކުރުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ދަރަނި އަދާކުރަން އިތުރު ދަރަނި ނަގަން ވަނީ ޖެހިފައެވެ. ނަމަވެސް މިކަމަށް ނިމުމެއް ގެނެސް އެސްޑީއެފް ނުވަތަ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެެވެ.

"އެސްޑީއެފްއަށް ޖަމާކުރާ ފައިސާ ކުރިމަގުގައި އަދާކުރަން ޖެހޭ އިތުރު ދަރަނިތައް އަދާކުރަން ބޭނުން ކުރަން މެދުރާސްތާ ބަޖެޓުގައި ހިމަނައި، ދަރަނީގެ ސްޓޮކް އަހަރުން އަހަރަށް ދަރަނީގެ ސްޓޮކް އަދާކުރެވޭނެ. މާތް ﷲ އިރާދަފުޅުން މިއަދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އަދާކުރަން އިތުރު ދަރަނި ނަގަން ނުޖެހޭ މިންވަރަށް އެސްޑީއެފްގައި ފައިސާ ރައްކާކުރެވޭނެ މަގު ކޮށާ އަލިކުރާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭރު ޤައުމުތަކަށް އަދާކުރަން ޖެހޭ ދަރަނިތައް ދެއްކުމުގައި ހަރުދަނާ އުސޫލްތަކެއް ސަރުކާރުން ގެންގުޅެމުންދާކަން އެމަނިކުފާނު ހާމަކުރައްވާފައިވާއިރު، ޗައިނާ އަދި އިންޑިއާއަށް އަދާކުރަން ޖެހޭ ދަރަނިއަށްވެސް ލުއިތަކެއް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ޗައިނާ އަށް ދައްކަންޖެހޭ ދަރަނީގެ އެއްބައި މާލިއްޔާއަށް ބުރަނުވާނެހެން ރީފައިނޭންސްކޮށްދީފައިވާއިރު، އިންޑިއާއަށް އަދާކުރަން ޖެހޭ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި އައެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ޖެހޭ ގޮތަށް އޮތް ޝަރުތު އުނިކޮށް، މިހާރު ރޯލް އޮވަރ ކޮށްދެއްވާފައިކަމަށް ވިދާޅުވިއެވެ.