ކަނޑު ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތެއް ދަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރު 3 އަތޮޅެއްގައި ސްޕީޑް ފެރީގެ ނިޒާމު ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި 8 އަތޮޅުގައި ކުރިއަށް އޮތް 6 މަސްދުވަސް ތެރޭގައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ހެދޭނީ ރަށްރަށުގެ ލަފާފުރުމުގެ އުމްރާނީ ވަސީލަތްތަކުގެ ފެންވަރުވެސް ތަރައްޤީ ކޮށްގެން ކަމަށެވެ.
ވައިގެ މަގުން ރާއްޖޭގެ އެކި ކަންކޮޅުތައް ޤުޅާލުމަށް ކުރާ މަސައްކަތުގެ ދަށުން އެކި ސަރަޙައްދުތަކުގައި ގިނަ އެއާޕޯޓުތަކެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މިމަސައްކަތުގެ ދަށުން ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ބިލެއްފަހި، ށ. ކޮމަންޑޫ، ށ. މިލަންދޫ، ނ. ވިހަފަރު، ރ. އަލިފުށި، ރ.ފައިނު، ބ. ތުޅާދޫ، އއ. މަތިވެރި، ފ. ނިލަންދޫ، ފ. މަގޫދޫ، ތ. ގުރައިދޫ، ތ.ވިލިފުށި، ގއ. ވިލިގިލި ހިމެނެއެވެ. މީގެ އިތުރުން ލ. ކައްދޫ، ގދ. ކާޑެއްދޫ، އައްޑޫ ގަން އިންޓަރނޭޝަން އެއާޕޯޓް، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގއ. މާވަރުލު، ފުވައްމުލަށް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއާޕޯޓުތަކެއްގައި ރޭގަނޑު ޕްލައިޓް ޖެއްސޭގޮތަށް ތަރައްޤީކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ބ. ދަރަވަންދޫ އެއާޕޯޓް އައިލެންޑު އޭވިއޭޝަންގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ލ. އަތޮޅުގައި 2 ވަނަ އެއާޕޯޓެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިމަހު ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅާލާފައިވާ ކަމަށެވެ. މިއީ، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން އިއުލާންކޮށްފައިވާ އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭ އިންޓަރގްރޭޓެޑް ޑިވްލޮޕްމަންޓު ގުޅާލާދޭ އިންޓަރގްރޭޑެޑް އެއަރ ކަނެކްޓިވިޓީ ވިއުގެ ދަށުން ކުރި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި އެންމެ އުތުރުގައި 3 އަތޮޅު ހިމެނޭ އިންޓަރގްރޭޓެޑް ޑިވްލޮޕްމަންޓު ޒޯންގައި ހއ.ހޯރަފުށީ، ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ހދ.މަކުނުދޫ ހިމެނޭ. އަދި ގުޅުވާލަދޭ އިންޓަރގްރޭޑެޑް އެއަރ ކަނެކްޓިވިޓީ ވިއުގަ މި ހުރިހާ އެއާޕޯޓުތަކެއް ހަދައި ނިމުމުން ޤާއިމްވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމަޒަކީ، އެއާޕޯޓުތައް ތަރައްޤީ ކުރުމުގެ އިތުރުން ހުރިހާ ވަސީލަތްތަކެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ރައްޔިތުންގެ ދރިއުޅުމަށް ފަސޭހަކަން ގެނެސްދޭނެ ލާމެހިވެފައިވާ މަދަނީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ. އެގޮތުން ކަނޑާއި ވައިގެ މަގުން މިއަހަރު ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.