ޚަބަރު

ބޮޑު މޮޅަކާއެކު ރޭންޖާސްއިން އެއްވަނައިގައި އޮތް ހާޓްސްއާ ފަރަގު ކުޑަކޮށްފި


ސްކޮޓިޝް ޕްރިމިއަރޝިޕުގައި ރޭ ކިލްމާނޮކް އަތުން ހޯދި ބޮޑު މޮޅާއެކު، ރޭންޖާސް އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ހާޓްސްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ރޭންޖާސްގެ ފަރާތުން މުޅި މެޗު ޑޮމިނޭޓުކުރި މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. ހާފުގެ ފަސްވަނަ މިނެޓުގައި އެ ޓީމުން މި ލަނޑު ޖެހީ، ހަތަރުވަނަ މިނެޓުގައި ކިލްމާނޮކްގެ ޑޮމިނިކް ތޮމްޕްސަން، އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޭންޖާސް އަށް ލީޑުނަގައިދިނީ ޖޭމްސް ޓަވެމިއާ އެވެ.

މި ފައުލާ ގުޅިގެން ރެފްރީ ވަނީ ޑޮމިނިކަށް ރަތް ކާޑެއް ވެސް ދައްކާފައެވެ. މިއީ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ.

ދެވަނަ ހާފުގައި ރޭންޖާސްއިން އެޓޭކިން މޮޅު ގޭމެއް ކުޅުނުއިރު މި ހާފުގައި އެ ޓީމުން ހަތަރު ލަނޑު ޖަހާފައިވެއެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި މިއޮވްސްކީގެ ލަނޑުން ރޭންޖާސް އިން ލީޑު ފުޅާކުރިއިރު އެ ޓީމުގެ ތިންވަނަ ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންދްރެއާސް ސްކޯވް އޯލްސަން އެވެ.

84 ވަނަ މިނެޓުގައި ކިލްމާނޮކް އިން ވަނީ މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްރެގް ކިލްޓީއެވެ.

އޭގެ ފަސް މިނެޓުފަހުން ރޭންޖާސް އިން އިތުރު ލަނޑެއް ޖެހިއެވެ. އޮލިވަރ އޭންޓްމަން މި ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ރޭންޖާސް އިން މެޗުގައި ޖެހި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިކީ މޫރެވެ.

މި މޮޅާއެކު ރޭންޖާސް އަށް 25 މެޗުން 41 ޕޮއިންޓު ލިބިފައިވާއިރު އެއްވަނައިގައި ހާޓްސް އޮތީ 44 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ކިލްމާނޮކް އޮތީ 11 ވަނައިގައި 17 ޕޮއިންޓު ހޯދައިގެންނެވެ. ސްކޮޓިޝް ޕްރިމިއަރޝިޕްގައި ކޮންމެ ޓީމަކުން ވެސް ކުޅޭނީ 38 މެޗެވެ.