ޚަބަރު

ކާންޓޭ އެންމެ ފަހުން ތުރުކީގެ ފެނަބާޗޭ އަށް


ސައުދި އަރަބިއްޔާގެ އަލް އިއްތިހާދަށް ކުޅެމުންދިޔަ ފްރާންސްގެ މިޑްފީލްޑަރ އެންގޯލޯ ކާންޓޭ ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ކާންޓޭ ފެނަބާޗޭ އާއި ގުޅިފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވަނީ އޭނާގެ ޓްރާންސްފަރ ފުރިހަމަ ނުކުރެވޭނެ ކަމަށް ފެނަބާޗޭ އިން ބުނެފަ އެވެ. އެއީ ކަނޑައެޅިފައިވާ މުއްދަތުގައި އަލް އިއްތިހާދުން ބޭނުންވާ ލިޔެކިއުންތައް ފުރިހަމަ ކުރެވިފައިނުވާތީ އެވެ.

ނަމަވެސް ބުދަ ދުވަހު ފެނަބާޗޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާންޓޭގެ ސޮއި އެ ކްލަބުން ހޯދާފައިވާ ކަމަށާއި އަދި އެ ކްލަބަށް ކުޅެމުންދިޔަ މޮރޮކޯގެ ޔޫސުފް އެލްނެސޭރީ އަލް އިއްތިހާދަށް ބަދަލުވެފައިވާ ކަމަށެވެ.

އެންނެސޭރީ އަލް އިއްތިހާދަށް ބަދަލުވެފައިވަނީ އެ ޓީމަށް ކުޅެމުންދިޔަ ފްރާންސްގެ ކަރީމް ބެންޒޭމާ އެ ކްލަބް ދޫކޮށް ދިއުމުން އޭނާ ނެތްތަން ފޫބެއްދުމަށެވެ.

ކާންޓޭ އަލް އިއްތިހާދާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ޗެލްސީ އިންނެވެ. އޭނާ ވަނީ ޗެލްސީ އާއިއެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޔޫރޮޕާ ލީގާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

2016 ވަނަ އަހަރު ޗެލްސީ އާއި ގުޅުމުގެ ކުރިން ކާންޓޭ ވަނީ ލެސްޓަރ ސިޓީ އާއިއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.